ފުލުހުން ދޭ ހިދުމަތަކީ ލޯތްބާއި ކުލުނާއެކު ރައްޔިތުންނަށް ދޭ ހިދުމަތަކަށް ހަދަން ފުލުހުން ތިބީ ތައްޔާރަށްކަމަށް ހދ އަތޮޅުގެ ޕޮލިސް ކޮމާންޑަރ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 84 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ރޭ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރައްޔިތުންނަސް ފުލުހުން ދޭ ހިދުމަތަކީ ލޯތްބާއި ކުލުނާއެކު ރައްޔިތުންނަށް ދޭ ހިދުމަތަކަށް ހަދަން ފުލުހުން ތައްޔާރަށް ތިބިކަމަށާއި ދާދި ފަހުން ކުޅުދުއްފުށިގައި ހިންގި ފެންބޮޑުވުމުގެ ހާދިސާގައި އެކަން ވަރަށް ގާތުން ފެނުނުކަމަށް ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ފުލުހުން މުޖުތަމައު ކުށުގެ ބިރުވެރިކަމުން ރައްކާތެރިކުރުމަށްޓަކާ ފުލުހުން އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ޔުނީފޯމްގައި އާއި އޮފް ޑިއުޓީގައި ވަރަށް އެދެވޭ މަސައްކަތްތަކެއް ފާއިތުވި އަހަރުތަކުގައި ކޮށްދެއްވާފައިވާކަން އުފަލާއެކު ފާހަކުރާކަމަށެވެ. ހދ އަތޮޅަކީ އާބާދީގެ ގޮތުން ބޮޑު ނަމަވެސް އެހެން އަތޮޅުތަކާ އަޅާބަލައިރު ކުށްމަދު އަތޮޅެއް ކަމަށާއި އެކަން އެގޮތުގައި ދެމެހެއްޓޭނީ ރައްޔިތުންނާއި މުވައްސަސާތަކުން ހީވާގީކަމާއެކު މަސައްކަތްތަކެއް ކޮށްގެން ކަމަށް އަމީން ފާހަގަކުރެއްވި އެވެ.
ދާދި ފަހު ކުޅުދުއްފުއްޓަށް ދިމާވި ފެންބޮޑުވުމުގެ ހާދިސާގައި ހާއްސަކޮށް ކައުންސިލުން ވަރަށް އެދެވޭ މަސައްކަތްތަކެއް އަމަލީ ގޮތުންވެސް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ކައުންސިލަކީ ލާމަސީ މިސާލެއްގެ ގޮތުގައި ދެކޭ ކައުންސިލެއްކަމަށެވެ.