ކުރިއަށް އޮތް ތަނުގައިވެސް ޓީމް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށް ކުޅުދުއްފުށީ ފަހުރުވެރިވާފަދަ ނަތީޖާއެއް ނެރުމަށް މަސައްކަތްކޮށް ދެއްވުމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު އެދިވަޑައިގެންފި އެެވެ.
ކޭއޯ އަށްދެއްވި އިންޓަވިއުއެއްގައި ކައުންސިލްގެ ރައީސް ވިދާޅުވީ މިނިވަން ޗެމްޕިއަންޝިޕްގެ ހދ އަތޮޅުގެ ޗެންޕިއަންކަން ކުޅުދުއްފުއްޓަށް ލިބުމާއެކު މި ލިބިގެން ދިޔައީ ވަރަށް ފަހުރުވެރި ކާމިޔާބެއްކަމަށާއި ކުރިއަށް އޮތް ޒޯން މުބާރާތުގައި ވެސް ޓީމް އެކަތިގަނޑަކަށް ވެގެން ކުޅުުދުއްފުށީ ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދުމަށް މަސައްކަތްކޮށް ދެއްވުމަށެވެ.
“ޒޯން ގަ މި އޮންނަނީ 2 މެޗެއް. އެއީ ރަށުގައި ކުޅޭ މެޗަކާއި ރަށުން ބޭރުގައި ކުޅޭ މެޗެއް. އެހެންވީމާ 2 ޓީމް މިއޮތީ ޒޯން ގަ ބައްދަލު ކުރަން ދެޓީމް ގެ ތެރެއިން އަޅުގަނޑުމެން މިބަލަނީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެނަށް ކާމިޔާބު ލިބޭނެ ކަމަށް” ރައީސް ވިދާޅުވި އެވެ.
އެގޮތުން ޓީމްގެ މެނޭޖްމެންޓާއި ކުޅުންތެރިންގެ އިތުރުން ދެއްކި ހިތްވަރަށް ސާބަސް ދެއްވާ ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ކައުންސިލުން ވެދެވެން އޮތް ހުރިހާ އެހީއެއް ކުޅުދުއްފުށީ ޓީމަށް ވެދެއްވާނެ ކަމަށާއި ޓީމް ދާންއޮތް އެންމެ މައްޗަކާއި ހިސާބަށް ދެވެންދެން ކައުންސިލުން ޓިމް ދޫކޮށް ނުލާނެ ކަމަށެވެ.
ކުޅުދުއްފުށީ ޓީމަށް މިހާ ބޮޑު ކާމިޔާބެއް ލިބިގެން މި ދިޔައީ ޓީމްގެ މެނޭޖުމެންޓާއި ކުޅުންތެރިންގެ ހިތްވަރުން ކަމަށާއި އަދި ކުޅުދުއްފުށީ ސަޕޯޓަރުން ދެއްކި ހިތްވަރާ ނަމޫނާ ފާހަގަކޮށް އެފަރާތްތަކަށް ރައީސް ވަނީ ޝުކުރުދަންނަވާފަ އެވެ.
އެގޮތުން ސަޕޯޓަރުންގެ ސަބަބުން ކައުންސިލްގެ އިތުރުން މުޅި ކުޅުދުއްފުށިވެސް ފަހުުރުވެރިވާ ކަމަށާއި ހަމައެކަނި ސަޕޯޓަރުންގެ ފަރާތުން ދެެއްކި ނަމޫނާއަކީ މުޅި ކުޅުދުއްފުއްޓަށް ލިބޭ ޝަރަފެއް ކަމަށާއި އެޕްއޭއެމްގެ ރައީސް ސަޕޯޓަރުންގެ ހިތްވަރު ފާހަގަ ކުރުމުންވެސް އެކަން ފާހަގަ ވެގެން ދިޔަކަމަށެވެ.
” ރާއްޖޭގެ އެހެން އެއްވެސް ޝަރަހެއްދެއްގައި ނުކުރެވޭ ފެންވަރަށް ކުޅުދުއްފުށީގައި އެކަން ކުރެއްވިއްޖެ އަދި އަޅުގަނޑަށް ފެންނަށް ފެނުމުގައި މި ކައިިރި އޭޝިޔާ ތެރޭގައިވެސް އިންޑިޔާ ލަންކާ މި ހިސާބުގަތުގެ ސަޕޯޓަރުންވެސް މި ފެންވަރަށް ސަޕޯޓް ކުރާ މަންޒަރެއް އަޅުގަނޑަށް ފެނިފައެއްނުވޭ” ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ޓީމްގެ އެކްސްކޯއަށާއި ޓީމަށް އެކިގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކުޅުދުއްފުށީގެ ޓީމް ޒޯންއަށް ދަތުރުކޮށްފައިވާއިރު ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މި ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު ކުޅޭނީ 8 އޭޕްރިލް ވާ ހޮނިހިރު ދުވަހު ހއ ހޯރަފުށީގަ އެވެ. މި މެޗުގައި ކުޅުދުއްފުއްޓާއި ދެކޮޅަށް ނުކުންނާނީ ހއ އަތޮޅުގެ ޗެމްޕިއަން މާރަންދޫ އެވެ. ޒޯން ގެ ދެވަނަ މެޗު އޮންނާނީ 11 އޭޕްރިލް ވާ އަންގާރަ ދުވަހު ކުޅުދުއްފުށީގަ އެވެ.