ހދ އަތޮޅު ކައުންސިލްގެ އިސްވެރިޔަކު އޮފީސް ތެރޭގައި ބަދުއަހްލާގީ ވީޑިއޯ ބެލި މައްސަލާގައި ވަޒީފާއިން ވަކިކޮށްފި އެވެ.
ހދ އަތޮޅު ކައުންސިލްގެ އިސްވެރިޔަކު އޮފީސް ތެރޭގައި ރޭގަނޑުގެ ވަގުތެއްގައި ބަދުއަހުލާގީ ވީޑިއޯއެއް ބަލަން އިން މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ މާރޗުމަހު އާއްމު އެވެ.
ހދ އަތޮޅު ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބުރާހިމް ރަޝީދު މިއަދު ކޭއޯއަށް ވިދާޅުވީ ބަދުއަހުލާގީ ވީޑީއޯ ބެލި މުވައްޒަފު ވަޒީފާއިން މިއަދު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ވަނަވަރެއް ހާމައެއްނުކުރެ އެވެ.
އިބުރާހިމް ރަޝީދު ވިދާޅުވީ އެމައްސަލަ ބަލާފައިވަނީ އެޗްއާރުއެމްޑީ ކޮމެޓީއަށް ހުށަހެޅި، އެކޮމެޓީގެ 5 މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓިއަކުން ކަމަށެވެ. އެކޮމެޓީއަކީ ސިވިލް ސާވިސްގެ މުވައްޒަފުންގެ އެފަދަ މައްސަލަތައް ބެލުމަށް ކުޅުދުއްފުށީގައި ހުންނަ މުވައްސަސާތަކުންގެ ވެރިން ތިއްބާވާ ކޮމެޓީ އެވެ.
އިބުރާހިމް ރަޝީދު ވިދާޅުވީ އެކޮމެޓީ މައްސަލަ ތަހުގީގުކޮށް، ބަޔާން ނެގުމަށް ފަހު ދިވެހި ސިވިލް ސާވިސްގެ ގަވައިދުގެ 271 ވަނަ މާއްދާގެ (ނ) ގެ 6.1 ، 6.2 ، 8 ، 9 އަށް އަދި 273 ވަނަ މާއްދާގެ (ށ) ރިޢާޔަތްކޮށް، ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަމްބަރުގެ ދަށުން ކަމަށެވެ. އެ ނަމްބަރުގައި ވަނީ އެ މުވައްޒަފަކު އިތުރަށް ވަޒީފާގައި ބަހައްޓާފައިވާ ނަމަ އެތަނަންށާއި ގެއްލުންތަކެއް ފެންނާތީ ޖަވާބު ދާރީވުމުގެ ފުރުސަތަކާއި ނުލައި ވަޒީފާއިން ވަކިކުރާކަމަށެވެ.
މައްސަލަ ބަލާ ނިމެއްދެން އޭނާ ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފަ އެވެ.
ވީޑިއޯ ބެލިކަމަށް ބުނި ބައެއް ފަރާތްތަކުން ބުނަނީ އެ ވީޑިއޯއިން ފެންނަނީ އެތަނުގެ ވެރިޔަކު ރޭގަނޑު ވަގުތު އޭނާގެ މޭޒުގައި ހުންނަ ކޮމްޕިއުޓަރުން ބަދުއަހްލާގީ ފިލްމު ބަލާ މަންޒަރު ކަމަށެވެ.
އަދި އެބަލަން އިނދެގެން އޭނާގެ ފިރިހެން ހަށި ނެރެގެން އިން ކަމަށް އެ ވީޑިއޯ ބެލި މީހުން ބުނެ އެވެ. އެމީހަކީ އަތޮޅު ކައުންސިލް އިދާރާ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރަމުން އަންނަ މެދު އުމުރުގެ ފިރިހެނެކެވެ. މީނާއަކީ ބ. އޭދަފުއްޓަށް ނިސްބަތްވާ މީހެކެވެ.