ޒޯން ފުޓްބޯޅަ މުބާރާތުގެ ޒޯން 1 ގެ ފައިނަލުގެ ފުރަތަމަ ލެގުގައި މާރަންދޫ އަދި ކުޅުދުއްފުށީގެ މެޗު ބަލަން ދިއުމަށް ކަނޑައެޅި 450 ޖާގައިގެ ޓިކެޓް ހުސްވެއްޖެ އެވެ.
މިރޭ 2030 ގައި ކުޅުދުއްފުށީ އޮންލައިންގެ އޮފީހުން ޓިކެޓް ދޫކުރިއިރު ގިނަ ބަޔަކު ވަނީ ކިއުގައި ޖެހި ޓިކެޓް ނަގާފަ އެވެ. މީހަކަށް އެންމެ ގިނަވެގެން 5 ޓިކެޓް ދޫކޮށްފައިވާއިރު ގާތްގަނޑަކަށް ގަޑިއެއްހާއިރުތެރޭ ވަނީ 450 ޖާގަ ފުލްވެފަ އެވެ.
ކުޅުދުއްފުށީ ކައުންސިލާއި، ބާދުޝާހް ބޯޓާއި، ޖަންބޯ ބޯޓުގެ އިތުރުން މިރޭ އަލަށް ހަމަޖެހުނު މިޔަރެން ބޯޓުން ހއ ހޯރަފުށީގައި އޮންނަ ފައިނަލު މެޗު ބަލާލަން ދިއުމަށްޓަކައި ކުޅުދުއްފުށީ ރައްޔިތުންގެ ފަރާތުން ލިބިފައިވަނީ އާދަޔާ ހިލާފު ސަޕޯޓެކެވެ.
މި ތިން ބޯޓުގެ އިތުރުން ގިނަ ބަޔަކު ދަނީ އަމިއްލަ ގޮތުން ލޯންޗު ހަމަޖައްސައި ދަތުރަށް ތައްޔާރުވަމުންނެވެ.
މި ބޯޓުތައް ކުޅުދުއްފުށިން 1200 ފުރުމަށް ހަމަޖެހިފައިވާއިރު، ހޯރަފުށިން ފުރުމަށް ހަމަޖެހިފައިވަނީ 1815 ގަ އެވެ.
ސަޕޯޓާސް ގުރޫޕްގެ ފަރާތުން މައުލޫމާތު ދޭ ގޮތުގައި އިތުރު ބޯޓެއް ހަމަޖެހޭތޯ މަސައްކަތް ކުރަމުންދާ ކަމަށާއި ހަމަޖެހުނުހާ އަވަހަކަށް އެކަން ރައްޔިތުންނާ ހިއްސާކުރާނެ އެވެ.