މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އެކެއްގެ ފުރަތަމަ ލެގުގެ ފުރަތަމަ މެޗު މިއަދު ކުޅުމަށް ހަމަޖެހިފައިވާއިރު ކުޅުދުއްފުށީގެ ޓީމަށް ސްޕޯޓު ކުރުމަށް ހޯރަފުށީގެ ގިނަ ރައްޔިތުންތަކެއް ކުޅުދުއްފުށީ ޓީމުގެ ސަޕޯޓަރުންނާއި ގުޅޭނެ ކަމަށް އެރަށުން ބުނެފި އެވެ.
މިކަމުގައި އިސްކޮށް އުޅޭ ފަރާތެއް ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ ގާތްގަނޑަށް 100 އެއްހާ މީހުން ކުޅުދުއްފުށީ ޓީމަށް ސްޕޯޓު ކުރާނެ ކަމަށާއި ސަޕޯޓު ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީން ޓީމަށް ސަޕޯޓުކުރަން ދާ ސަޕޯޓަރުންނާއި ގުޅިގެން ކަމަށެވެ.
މީގެ އިތުރުން ކައުންސިލާއި ގުޅިގެން ޓީމަށް މަރުހަބާ ކިއުމުގެ ކަންކަން ވެސް ކުރިއަށްގެންދިޔަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހޯރަފުށީގައި ކުޅޭ މެޗުގައި ކުޅުދުއްފުއްޓާއި ދެކޮޅަށް ނުކުންނާނީ ހއ ގެ ޗެމްޕިއަން މާރަންދޫ އެވެ. މި މެޗުގައި ކުޅުދުއްފުއްޓަށް ސަޕޯޓު ކުރުމަށް ހާހެއްހާ ސަޕޯޓަރުން ހޯރަފުއްޓަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅުދުއްފުށީ ސަޕޯޓަރުންގެ އިތުރުން މިމެޗު ބަލާލުމަށް ހދ އަތޮޅާއި ހއ އަތޮޅުގެ ރަށްރަށުންވެސް ގިނަ އަދަދެއްގެ ބަޔަކު ހޯރަފުއްޓަށް އަރާނެކަމަށް ހޯރަފުށި ކައުންސިލުންވެސް ވަނީ ލަފާކޮށްފަ އެވެ.