ކުޅުދުއްފުށީގައި އިމާރާތް ކުރެވެމުންދާ 160 ރޯހައުސްގެ ތެރެއިން މާފަލު ހިޔާގައި އިމާރަތް ކޮށްފައިވާ 40 ރޯހައުސްގެ ގުރުއަތުލުން މި އޭޕްރިލް މަހު 28 އަދި 29 ގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ކުޅުދުއްފުށީ ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ގެޒެޓްގައި އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާފަލު ހިޔާގެ 40 ރޯހައުސްގެ ތެރެއިން 25 ރޯހައުސް ހާއްސަކުރެވިފައިވަނީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ކަމަށާއި އަނެއް 15 ރޯހައުސް ހާއްސަކުރެވިފައިވަނީ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކަމަށެވެ.
އެގޮތުން 28 ވަނަ ދުވަހުގެ ގުރުއަތުލުން ބާއްވާނީ ކުޅުދުއްފުށީގެ ރައްޔިތުންނަށެވެ. މި ގުރުއަތުލުން އޮންނާނީ 28 އޭޕްރިލް ވާ ހުކުރު ދުވަހު މެންދުރު ފަހު 14:00 ގައި ތިލަ ދެކުނު ސިނަމާގައެވެ. އަދި އެހެން ރަށްރަށުގެ ރައްޔިތުންގެ ގުރުއަތުލުން އޮންނާނީ 29 އޭޕްރިލް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ތިލަދެކުނު ސިނަމާގަ އެވެ.
މީގެއިތުރުން ކަނބޯރަނި ހިޔާގެ 1 ރޯހައުސް މިގުރުއަތު ނެގުމުގައި ހިމެނޭނެއެވެ. އެއީ ކުރިން ކަނބޯރަނި ހިޔާގެ ސަރަހައްދުން ރޯހައުސް ލިބުނު ފަރާތަކުން ދޫކޮށްލައިފައިވާ 1 ރޯހައުސް އެވެ. މިރޯހައުސް ހިމެނެނީ އެހެން ރައްރަށުގެ ރައްޔިތުންގެ ގުރުއަތުގައެވެ.
ވީމާ ކައުންސިލް އިދާރާގައި ބެހެއްޓިފައިވާ ލިސްޓްގައިވާ ފަރާތުން އެފަރާތަކުން ގުރުއަތުނެގުމަށް ހަމަޖެހިފައިވާ ގަޑީގެ 15 މިނެޓް ކުރިން ސިނަމާއަށްް އައުމަށް ކައުންސިލް ގެ މި އިއުލާނުގައި ވެއެވެ.
ގުރުއަތު ނެންގެވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތަކީ ކޮންފަރާތެއްގެ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެންގޭނެފަދަ ސިޓިއަކާއެކު ފޮނުއްވުމުން އެފަރާތެއްގެ ގުރުއަތު ނެގުމުގެ ފުރުސަތު ބަދަލުގައި ހާޒިރުވާ ފަރާތަކަށް އެރުވޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ލިސްޓްގައިވާ ފަރާތާއި ބަދަލުގައި ހާޒިރުވާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑިކާޑުގެ ކޮޕީ ސިޓިއާއެކު ހުށަހަޅުއްވަންވާނެއެވެ. އެއްވެސް ފަރާތެއް ހާޒިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ މިއިދާރާއިން ކަނޑައަޅާ ފަރާތަކުންނެވެ. އެއްވެސް ފަރާތެއް ހާޒިރުވެވެން ނެތް ފަރާތްތަކުގެ ގުރުއަތު ނަގާނީ ހާޒިރުވި ފަރާތްތަކުގެ ގުރުއަތު ނަގާނިމުމަށް ފަހު ލިސްޓްގެ ތަރުތީބުން ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެެވެ.
މާފަލު ހިޔާގެ ގުރުއަތުލުން ފުރަތަމަ ބޭއްވުމަށް ހަމަޖެހިފައިވަނީ މިދޔަ އަހަރުގެ އޯގަސްޓް 27 ވަނަ ދުވަހު އެވެ. އެހެން ނަމަވެސް އެ ރޯހައުސްތަކުގެ ބައެއް މަސައްކަތްތައް ނުނިމޭތީ ގުރުއަތުލުން ފަސްކުރުމަށް އެމަސްތެރޭ މިނިސްޓްރީން ކައުންސިލަށް އެންގުމާއި ގުޅިގެން މުއްދަތެއް ނެތް ގޮތައް ވަނީ ގުރުއަތުލުން ވަނީ ފަސްކޮށްފަ އެވެ.