twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކުޑަ އަންހެން ކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވި އަންހެނަކު 18 އަހަރަށް ޖަލަށް

Apr 23, 2017

ކުޑަ އަންހެން ކުއްޖަކު ލައްވައި ޖިންސީ އަމަލު ހިންގުވި އަންހެނަކު 18 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި އެވެ.

ކުޅުދުއްފުށީގައި ހިނގި މިހާދިސާގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ މިރަށު ޕެންޒީމާގެ، ނަސީމާ އަލީ (42އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ހުކުމްކޮށްފައިވަނީ ހެކިންގެ ހެކި ބަހުގެ މައްޗަށް ރިޔާއަތްކޮށްފަ އެވެ.

ނަސީމާގެ މައްޗަށް ދައުލަތުން 2 ދައުވާއެއް އުފުލާފައިވެ އެވެ.  އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ އަމަލެއް ހިންގުވުމާއި ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓް ނުކުރުމުގެ ކުށުގެ ދައުވާ އެވެ.

އޭނާގެ މައްޗަށް މި މައްސަލަ ސާބިތުވެފައިވާއިރު، ކުޅުދުއްފުށީ ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އެކި ދުވަސްތަކުގެ މަތިން މީހަކު ލައްވާ އެ އަންހެން ކުއްޖާއާއެކު ޖިންސީ އަމަލު ހިންގުމަށް ނަސީމާ ހިތްވަރުދީފައިވާ ކަމަށެވެ. އަދި އެ އަމަލު ހިންގުވި ކަމަށް ޝައްކެތް ނެތް މިންވަރަށް ނަސީމާގެ މައްޗަށް ސާބިތުވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުން ނަސީމާ އަށް ވަނީ 18 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

މިހާރު އެ އަންހެން ކުއްޖާގެ އުމުރަކީ 16 އަހަރެވެ. އަންހެން މީހާއަކީ މި އަންހެން ކުއްޖާއާ އާއިލީ ގޮތުން ގާތް މީހެކެވެ. އަންހެން ކުއްޖާ ލައްވައި ޖިންސީ ގޯނާ ހިންގުވީ އަންހެން މީހާއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުކަމަށް ބުނާ ފިރިހެނަކު ލައްވާ އެވެ. 51 އަހަރުގެ އެ ފިރިހެން މީހާއަކީ ވެސް އަންހެން ކުއްޖާއާ އާއިލީ ގޮތުން ގާތް މީހެކެވެ.

މާލެއަށް ނިސްބަތްވާ އެ ފިރިހެން މީހާވެސް މިދިޔަ އަހަރުވަނީ 17 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355