އަފީފުއްދީން ސްކޫލްގެ ޕީޓީއޭއާއި ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމެންޓް (ސީއައިޓީ )ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޮޮމްޕިއުޓަރ ކޯސްތައް އިފްތިތާހުކޮށްފި އެވެ.
މިއަދު ހަވީރު އަފީފުއްދީން ސްކޫލް ހޯލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާގައި ކޯސްތައް އިފްތިތާހުކޮށްދެއްވީ ޖަލްސާގެ ޝަރަފުވެރި މެހެމާން ސީއައިޓީއެމްގެ ޗެއާރ ޕާރސަން މުހައްމަދު ތޮލާލް އެވެ.
ސީއައިޓީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ސީއައޓީއެމްގެ ޑީން އިސްމާއިލް ސައުދުﷲ ވިދާޅުވީީ ސީއައިޓީއެމްގެ މަގުސަދަކީ އިލްމީ އަލިމަގެއް ދަރިވަރުންނަށް ހުޅުވާދިނުން ކަމަށާއި ކޮމްޕިއުޓަރ ކިޔެވުމަށް މަގުތަކެއް ހުޅުވާ ދިނުން ކަމަށެވެ. މީގެ އިތުުރުން ކުޅުދުއްފުށީގައި މި ކޯސްތައް މި ފަށަނީ ވަރަށް ބޮޑު އުންމީދަކާއިއެކު ކަމަށާއި ބޭނުންވަނީ ކޯސްތައް ކާމިޔާބު ކަމާއިއެކު ނިންމާލުން ކަމަށްވެސް ސައުދުﷲ ވިދާޅުވި އެވެ.
ޖަލްސާގައި ވާހަަކަ ދައްކަވަމުން އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ވަރަށް ބޮޑެތި ފާޑުކިއުން ތަކަކާއެކުވެސް ކޮމްޕިއުޓަރ ކޯސްތައް މި ފަށަނީ މިއީ ދަރިވަރުންނަށް ފައިދާހުރި ކަމަކަށް ވާނެތީ ކަމަށެވެ. އަދި ރަށުގައި ތިބެގެން ކޮމްޕިއުޓަރ ކޯސް ކިޔެވުމުގެ ފުރުސަތު ފަހިވެގެން ދިއުމުން އުފާ ކުރާ ކަމަށާއި އެގޮތުން މި ފުރުސަތު ފަހިކޮށްދެއްވިކަމަށްޓަކާ ސިއައިޓީއެމްއަށް ނަސިހާ ޝުކުރުއަދާކުރެއްވި އެވެ.
މި ޖަލްސާގައި ސެޓްފިކްޓް ލެވެލް 3 ގެ ކޯސްތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން ގުރުއަތުން ހޮވުނު އެއް ދަރިވަރަކަށް ވަނީ ސީއައިޓީއެމްގެ ފަރާތުން ސްކޮލަރޝިޕް ހަވާލުކޮށްފަ އެވެ. މި ސްކޮލަރޝިޕް ލިބިފައިވަނީ އައިމިނަތު އަފްރާ އާރިފް އަށެވެ. އެގޮތުން މި ސްކޮލަރޝިޕްގެ ތެރެއިން ކޮމްޕިއުޓާރ ކޯހުގެ ސެޓްފިކެޓް ލެވެލް 3 އަދި 4 ގެ އިތުރުން ޑިޕްލޮމާ ހެދުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ އެވެ.
ސީއައިޓީއެމް އާއި އަފީފުއްދީންގެ ޕީޓީއޭ ގުޅިގެން ކުރިއަށްގެން ދިއުމަށްހަމަޖެހިފައިވަނީ ކޮމްޕިއުޓަރ ފޯރ ކިޑްސް އަދި ސެޓްފިކެޓް ލެވެލް 3 ގެ ކޯހެވެ. އެގޮތުން ކޮމްޕިއުޓާރ ފޯރ ކިޑްސްގައި 213 ކުރިން ބައިވެރިވެފައިވާއިރު ސީ3ގައި 134 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. .
މީގެ އިތުރުން ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ޑިޕްލޮމާ ކޯހަކާއި ބޮޑެތިމީހުންނަށް ހާއްސަ ކޮމްޕިއުޓާރ ކޯހެއެްވެސް ފެށުމަށްވަނީ ހަމަޖެހިފަ އެވެ. ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހު 4 ގަ އެވެ.