ކުޅުުދުއްފުއްޓާއި ށ. މިލަންދޫގައި ގިނަ އިންޑޯ ކުޅިވަރުތަކެއް ހިމެނޭ ގޮތަށް ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އިރުތިޝާމް އާދަމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގައި ގާއިމް ކުރެވޭ އިންޑޯ ކުޅިވަރު ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.6 މިލިއަން ރުފިޔާ ހަރަދު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި ކުޅުދުއްފުށީގައި މީގެ ކުރިން އެރީނާ ފުޓްސަލް ދަނޑަކާއި، ބާސްކެޓް ކޯޓަކާއި، ނެޓްބޯލަ ކޯޓެއްގެ އިތުރުން ވޮލީ ކޯޓެއް ވެސް ގާއިމް ކުރެވިފައިވާނެ ކަމަށް ވަނީ ވިދާޅުވެފައި އެވެ.
ކުޅުދުއްފުއްޓާއި މިލަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑޯ ކުޅިވަރު ކޮމްޕްލެކްސް ސޮއިކުރުމަށް ބެއްވި ރަސްމިއްޔާތުގެ ތެރެއިން–ފޮޓޯ: ވަގުތު
އޭގެ އިތުރުން މި މަޝްރޫއުގެ އިތުރުން ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް މަރާމާތު ކުރުމުގެ މަސައްކަތް އެމްއާރުޑީސީއާ ހަވާލު ކޮށްގެން މިހާރު ކުރިއަށްދާ ކަމަށާއި އިތުރު ފުޓްސަލް ދަނޑެއް އެޅުމުގެ މަސައްކަތް ވެސް ކުރިއަށްދާކަންމިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރ ވިދާޅުވެފައި ވަނީ މިލަންދޫގައި ގާއިމް ކުރެވޭ އިންޑޯ ކޮމްޕްލެކްސް އަކީ މިނިސްޓްރީގެ ބަޖެޓުން 4.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. އަދި އެ ރަށުގެ ބޯޅަ ދަނޑު ލެވެލް ކުރުމުގެ މަސައްކަތް ނިމި ވިނަ އިންދުމުގެ މަސައްކަތާއި ޓެންޑާ ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށެވެ.
މީގެ އިތުރުން މި އިންޑޯ ކޮމްޕްލެކެސްތައް ނިންމުމަށް ހަވާލު ކޮށްފައިވާ ކިއުވަން ކޮންސްޓްރަންޝަނަށް ދީފައިވާ މުއްދަތަކީ މިއަހަރުގެ ޑިސެމްބަރު މަހާއި ހަމައަށެވެ.