އެސްޓީއޯއިން ކުޅުދުއްފުށީގައި ވިއްކަމުންދިޔަ މޯލްޑިވް ގޭސް ވިއްކުން މިއަދުން ފެށިގެން ހުއްޓާލައިފި އެވެ.
އެސްޓީއޯއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މެއިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ފިހާރައިން ވިއްކަމުންދިޔަ މޯލްޑިވް ގޭސް ވިއްކުން ހުއްޓާލަން ނިންމާލާފައިވާ ކަމަށެވެ.
ނަމަވެސް މޯލްޑިވް ގޭހުގެ އެޖެންޓެއް މެދުވެރިކޮށް ކުޅުދުއްފުށިން ގޭސް ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
ކުޅުދުއްފުށީގައި ހުންނަ އެސްޓީއޯގެ ފިހާރައިން މޯލްޑިވް ގޭސް ވިއްކަން ފަށާފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ތެރޭގައި އެވެ. ކުޅުދުއްފުށީގައި އެސްޓީއޯއިން ގޭސް ވިއްކުން ހުއްޓާލަން ޖެހުނު ސަބަބެއް އެކުންފުނިން އަދި ހާމަކޮށްފައެއް ނުވެ އެވެ.
މޯލްޑިވް ގޭހުގެ ކުޅުދުއްފުށީ އެޖެންޓެއްކަމަށްވާ ސޭމްއިން ބުނީ އެސްޓީއޯއިން ވިއްކި އަގަށް ސޭމްއިން ގޭސް ލިބެން ހުންނާނެކަމަށެވެ. އެއީ ދިހަ ކިލޯގެ ފުޅިއެއް 265 ރުފިޔާއަށެވެ.
މާލޭ ސަރަހައްދުގައި މޯލްޑިވް ގޭހުގެ 10 ކިލޯގެ ފުޅިއެއް ވިއްކަނީ 200 ރުފިޔާއަށެވެ.