twitterviber whatsapp telegramfacebookyoutube instagram
23rd May 2025

ކުޅުދުއްފުށީ ޓީމަށް ބައެއް ފަރާތްތަކުން ފައިސާގެ އެހީ ދިންކަމެއް ކައުންސިލަކަށް ނޭނގޭ!

May 1, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށިން ނެރުނު ޓީމަށް ސްޕޮންސަރގެ ގޮތުގައި ދިން ފައިސާގެ އެއްވެސް ތަފްސީލެއް ކައުންސިލަށް ލިބިފައެއް ނެތްކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލް އިދާރާގެ އޮފިޝަލުންތަކެއް ކޭއޯގައި ވާހަކަދައްކަވަމުން ވިދާޅުވީ އެކި ފަރާތްތަކުން ކުޅުދުއްފުށީ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ކައުންސިލަށް އެނގިފައިވަނީ އާއްމުންގެ ފަރާތްތަކުން ކަމަށެވެ. އަދި އެކަމުގެ އެއްވެސް ތަފްސީލެއް ކައުންސިލަކަށް އެނގިފައެއް ނެތްކަމަށާއި ބަޔަކު ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ކަމެއްވެސް ވަނީ ކައުންސިލަށް ނޭނގިކަމަށް އެ އޮފިޝަލް މައުލޫމާތު ދެއްވަ އެވެ.

އަދި އެކަމުގެ މައުލޫމާތު ކައުންސިލަށް އެނގުނީ މިނިވަން ފުޓްބޯޅަ މުބާރާތައް ކައުންސިލުން ހަރަދުކުރި އަދަދުގެ ތަފްސީލުތައް ނިންމުމަށް ކައުންސިލުން މަސައްކަތްކުރަމުންދާ ވަގުތެއްގައި ކަމަށް އެ އޮފިޝަލުން މައުލޫމާތު ދެއްވަ އެވެ. އަދި މިކަމުގައި ކައުންސިލްގެ ފަރާތުން އިސްކޮށް އުޅުންވީ ކުޅިވަރުތަކަށް ކަނޑައަޅާފައިހުންނަ ކައުންސިލަރު އިބުރާހިމް އައްބާސްކަމަށް އެ އޮފިޝަލުން ވިދާޅުވެ އެވެ.

މިކަމާ ގުޅިގެން އިބުރާހިމް އައްބާސް ކޭއޯ އިން ސުވާލުކުރުމުން ވިދާޅުވީ ސްޕޮންސަރގެ ގޮތުގައި ކުޅުދުއްފުށީ ޓީމަކަށް އެއްވެސް ފަރާތްތަކުން ފައިސާގެ އެހީ ދީފައިނުވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބައެއް ކަންކަން ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެއްވިކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ޓީމަށް ކުރި ހަރަދުތަކުގެ ތަފްސީލް ކައުންސިލް އިދާރާގައި ލިޔެކިއުމުން ފެންނަން ހުންނާނެކަމަށާއި އެބޭފުޅުން ނޭނގޭކަމަށް ވިދާޅުވަނީ ޒިންމާއިން ރެކިވަޑައިގަތުމަށް ކަމަށް އިބުރާހިމް އައްބާސް ވިދާޅުވި އެވެ. އެއްވެސް ކައުންސިލަރެއްގެ ފަރާތުން މުބާރާތުގައި އެއްބާރުލުން ލިބިފައިނުވާ ކަމަށް އިބުރާހިމް އައްބާސް ވިދާޅުވި އެވެ.

އިބުރާހިމް އައްބާސް އެއްވެސް ފަރާތަކުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާނުވާ ކަމަށް ވިދާޅުވި ނަމަވެސް “ކުޅުދުއްފުށި އޮންލައިން” ވެސް ކުޅުދުއްފުށީ ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ. އަދި އެއާއެކު ޕްރެކްޓިސް ޖާރޒީގައި “ކުޅުއްދުއްފުށި އޮންލައިން” އަދި “ކޭއޯ ސްވިފްޓް” ގެ ނަން ބޭނުންކުރުމަށް އެއްބަސްވެފައި ވެއެވެ. މި ޖާރޒީ ބޭނުން ކުރާނީ ޕްރެކްޓިސް ގަޑީގައާއި މެޗު ފެށުމުގެ ކުރިން ވޯމްއަޕް ގަޑިތަކުގައި ކަމަށްވެސް އިބްރާހިމް އައްބާސްވަނީ ވިދާޅުވެފައެވެ. ނަމަވެސް ކޭއޯގެ ލޯގޯ ޖެހި ޖާރޒީ މެޗު ފެށުމުގެ ކުރިން ވާމްއަޕް ގަޑިތަކުގައި ބޭނުން ކޮށްފައެއް ނުވެއެވެ.

ކުޅުދުއްފުށި އޮންލައިން އިން ޓީމަށް ދިން ފައިސާގެ އެހީ ހަވާލުކޮށްފައިވަނީ ކައުންސިލްގެ ފަރާތުން ޓީމަށް ކަނޑައަޅާފައި ހުރި ކައުންސިލަރު އިބްރާހިމް އައްބާސް އާއެވެ. އެ ފައިސާ ޓްރާންސްފަރގެ ހުރިހާ ތަފްސީލްތަކެއްވެސް ކޭއޯގައި އެބަހުއްޓެވެ.

ކޭއޯ ނޫނަސް އެހެން ފަރާތްތަކުންވެސް ޓީމަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެފަރާތްތަކުން ކޭއޯއަށް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355