އަލިފުޅު ތުއްތު ފައުންޑޭޝަނުގެ ފަރާތުން ށ. ކަނޑިތީމުގައި ބިނާ ކުރި “މަސްޖިދު އައް ތަޢުބާ” މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.
މިއަދު މި މިސްކިތް ރަސްމީކޮށް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް އަހްމަދު ޒިޔާދުއެވެ. މިސްކިތް ހުޅުވުމަށްފަހު މިނިސްޓަރވަނީ އިމާމުވެ މެންދުރު ނަމާދު ކުރައްވާފައެވެ.
މި މިސްކިތަކީ 700 މީހުންގެ ޖާގައިގެ މިސްކިތެވެ. މިސްކިތް ބިނާ ކުރުމަށް އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
މިސްކިތް ހުޅުވުމަށްފަހު މިނިސްޓަރ ދެއްކެވި ވާހަކައިގައި ރަނގަޅު މުޖުތަމައުއެއްގެ ބިންގަލަކީ އާއިލާކަމަށާއި ރަނގަޅު އާއިލާއެއް ބިނާކުރުމަށްޓަކައި އެންމެންނަކީވެސް ނަމާދުކުރާ މިސްކިތްތަކާއި ގާތްބަޔަކަށްވުމަށް ނަސޭހަތް ތެރިވި އެވެ. އަދި މިސްކިތް ބިނާ ކުރުމުގެ ބޭނުމަކީ ބިންމަތީގައި ނަމާދު ގާއިމް ކުރުމާއި އެކު މާތް ﷲ އަށް އަޅުކަން ކުރުން ކަމަށާއި ނަމާދުން ދަސްކޮށްދޭ އަހްލާގީ ސުލޫކީ މާތް ސިފަތައް ދިރިއުޅުމުގެ ކަންކަމުގައި ބޭނުންކުރަން ދަސްކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރ ވަނީ މިފަދަ މިސްކިތެއް ށ.ކަނޑީތީމުގައި ބިނާކޮށްދެއްވިކަމަށްޓަކައި އަލިފުޅު ތުއްތު ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ.