twitterviber whatsapp telegramfacebookyoutube instagram
26th April 2024

މިނިސްޓާ އެވެ! ތި ވިދާޅުވާ ކޯޓުތައް އެޅިއިރެއް އެނގިލައްވާތޯ އެވެ!

May 2, 2017

ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ، ހދ. ކުޅުދުއްފުށީގައި ފުޓްސަލް ދަނޑަކާއި ބާސްކެޓް ކޯޓަކާއި ނެޓްބޯޅަ ކޯޓެއްގެ އިތުރުން ވޮލީ ކޯޓެއް މިހާރު އަޅާފައިވާނެ ކަމަށެވެ. ތެދެކެވެ. އެބަ އޮތެވެ. މިނިސްޓަރު ވިދާޅުވި ގޮތުން ދޭހަވަނީ އެއީ އިހަކަށް ދުވަހަކު އެޅި ތަންތަން ގޮތުގަ އެވެ.

މިނިސްޓަރު އިރުތިޝާމެވެ. އެހެނެއް ނޫނެވެ. ފަހަރެއްގައި މިނިސްޓަރު ހަނދާން ނެތީ ކަމަށް ނުވަތަ އެނގިނުލައްވަނީ ކަމަށް ވެދާނެ އެވެ. މިނިސްޓަރު ވިދާޅުވި ދަނޑުތަކުގެ ތެރެއިން މި ސަރުކާރަށް މިވީ ތިން އަހަރު ތެރޭގައި އަޅާފައިވަނީ ފުޓްސަލް ދަނޑު އެކަންޏެވެ. އެވެސް މިނިސްޓަރު ހުންނަވަނިކޮށެށް ނޫނެވެ. އެކަމަކު އެ ދަނޑު “އަޅާފައިވާނެ” ކަމަށް މިނިސްޓަރަށް ވިދާޅުވެވިދާނެ އެވެ. އެއީ މި ސަރުކާރުން ކުޅުއްދުއްފުއްޓަށް ކޮށްދެއްވި މަދު ކަންތަންތަކުގެ ތެރެއިން ކަމެކެވެ. ދެން ހުރި ކޯޓުތައް “އަޅާފައިވާނެ” ކަމަށް މިނިސްޓަރު ވިދާޅުވުމުން އެ ވާހަކަ ކަރުގައި އަޅައިގެނެ އެވެ.

އެއީ މި ސަރުކާރުން ކުޅުދުއްފުއްޓަށް ކޮށްދެއްވާފައި ހުރި ކަންކަން ގިނަ ކަމަށް ދެއްކުމަށް މިނިސްޓަރު ވިދާޅުވި އެއްޗަކަށް ވެދާނެ އެވެ. އެހެނަސް ހަގީގަތަކީ އެއީ ނޫންކަން މިނިސްޓަރަށް ވެސް އެނގިލައްވަން ޖެހޭނެ އެވެ.

ޒޯން ސްޓޭޑިއަމް އަޅައި، އެތަނަށް ބޭނުންވާ ކުޅިވަރު ކޯޓުތައް އަޅާފައިވަނީ ސްޓޭޑިއަމް ވެސް އަޅައިދެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. ސްޓޭޑިއަމްގައި ބާސްކެޓް ކޯޓާއި ވޮލީ ކޯޓާއި ނެޓް ބޯޅަ ކޯޓު ނޯންނަ ހަނދާނެއް ހުންނަ ޒުވާނެއް މިހާރު ކުޅުދުއްފުށީގައި އުޅޭނެހެން ހިއެއް ނުވެ އެވެ. ހަމަ ގައިމު ވެސް އެ ކޯޓުތަކުގައި އަޅުގަނޑު ކުޑައިރު ވެސް ކުޅުނީމެވެ.

ރައީސް މައުމޫނުގެ ވެރިކަމުގެ ކުޅުދުއްފުށިގައި އަޅާފައިވާ ކުޅިވަރު ކޯޓްތަކެއް–

ވޮލީ ކޯޓާއި ނެޓް ބޯޅަ ކޯޓް އަދި ބާސްކެޓް ކޯޓް އެޅި އަހަރެއް ސީދާ އަޅުގަނޑަށް ބުނަން ނޭނގުނަސް އެނގެނީ އެއީ ވަރަށް ކުރީގެ ކަމެއް ކަމެވެ. ބާސްކެޓް ކޯޓަށް މިފަހުން ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް އަނެއް ދެ ކޯޓު ހަމަ އޮތީ އެ އެޅިއިރު އޮތް ފެންވަރުގަ އެވެ. އެއީ މިހާރު ކޯޓެކޭ ބުނާ ވަރަށް ވެސް ފެންވަރުގެ ގޮތުން ދަށް ކޯޓުތަކެވެ.

ކުޅިވަރު ކުޅެވޭ އިންޑޯ ކޮމްޕްލެސްތަކެއް ކުޅުދުއްފުށީގައި އެޅުމަށް ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައިވާ ކަމަށް ދެއްކުމަށް މިނިސްޓަރު ވާހަކަ ދައްކަވާފައިވީ ނަމަވެސް އިންޑޯ ކޮމްޕްލެސްތަކެއް އެޅުމަށް މިނިސްޓަރު ނިންމެވުން އެކަމަށް މަރުހަބާ ކިޔަމެވެ. އެކަން އަވަސް މުސްތަގުބަލެއްގައި ހަގީގަތަކަށް ވެގެން ދާނެ ކަމަށް އުއްމީދު ވެސް ކުރަމެވެ.

ކުޅުއްދުއްފުއްޓަށް ކޮށްދޭން ސަރުކާރު ބުނެފައިވާ ހުރިހާ ކަމެއް ފުރިހަމަވެފައިވާނަމަ ހަމަ ޔަގީނަށް ވެސް ކުޅުދުއްފުއްޓަކީ ރާއްޖޭގައި އޮތް އެންމެ ތަރައްގީ ތަނަށް ވާނެ އެވެ. މައްސަލައަކީ އެކަންކަން ދުވަހަކު ވެސް ހަގީގަތަކަށް ނުވާތީ އެވެ. މުޅިވެސް އިންތިހާބާ ދިމާކޮށް ޖަހާ ކަޑަތަކަށް ވާތީ އެވެ.

އަޅަން އެ ބުނާ ކުޅިވަރު ކުޅެވޭ އިންޑޯ ކޮމްޕްލެސްތަކަކީ ވެސް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޖަހާލި އިތުރު ކަޑަތަކަށް ނުވެއްޖެޔާ ވަރަށް ވެސް ރަނގަޅެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355