18 އަހަރަށްފަހު އަނެއްކާވެސް ކަޕް ވިނާސް ކަޕުން ދިވެހި ފުޓްބޯޅަ ސީޒަން ފެށުމަށް ތައްޔާރުވެއްޖެ އެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ދިވެހި ފުޓްބޯޅަ ސީޒަން ހުޅުވައިދޭ ފުރަތަމަ މުބާރާތުގެ ގޮތުގައި ކަޕް ވިނާސް ކަޕް ހަމަޖައްސައި، މާދަމާ ހަވީރު އެ މުބާރާތުގެ ކުޅުން ފެށުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި މުބާރާތުގެ ތާވަލާއި ސީޒަން ކަލަންޑަރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މީޑިއާތަކަށް އަދި ރަސްމީކޮށް އާންމުކޮށްފައި ނުވިނަމަވެސް، މުބާރާތުގައި ވާދަކުރާ ޓީމުތަކަށް މިހާރު ވަނީ ޝެޑިއުލް ހިއްސާކޮށްފަ އެވެ. މިފަހަރުގެ ކަޕް ވިނާސް ކަޕްގައި ވާދަކުރަނީ ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނޭ ކްލަބްތަކެވެ.
ސީޒަންގެ ފެށުން ފާހަގަކުރުމަށް ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އަތުން ޕެނަލްޓީ ޖަހައިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވަނީ މޮޅުވެފަ އެވެ. މިއީ މާޒިޔާއިން މި ތަށި އުފުލާލި ހަތްވަނަ ފަހަރެވެ.
މާދަމާ ފަށާ މުބާރާތުގައި ބައިވެރިވާ ހަތަރު ޓީމަކީ ނިމިދިޔަ ސީޒަނުގެ ލީގު ޗެމްޕިއަން މާޒިޔާ އާއި، އެފްއޭ ކަޕްގެ ޗެމްޕިއަން ނިއު ރޭޑިއަންޓްގެ އިތުރުން، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން އޮޑި ސްޕޯޓްސް ކްލަބާއި، ލީގުގެ ގަދަ ހަތަރެއްގައި ހިމެނުމުގެ އިތުރުން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނު ބުރު ސްޕޯޓްސް ކްލަބެވެ.
މުބާރާތް ފަށާ ދުވަސް ކަމަށްވާ މާދަމާ ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓުން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، މާދަމާ ރޭގަނޑު ކުޅޭ މެޗުގައި މާޒިޔާ ބައްދަލުކުރާނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ.
ދެން މި މުބާރާތުގެ މެޗުތައް ކުރިއަށްދާނީ އަންނަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހުގެ ހަވީރު މާޒިޔާއިން ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނައިރު، އެރޭ ކުޅޭ މެޗުގައި ނިއު ރޭޑިއަންޓުން ކުރިމަތިލާނީ އޮޑި ސްޕޯޓްސް ކްލަބާ އެވެ.
އެއަށްފަހު، މި މަހުގެ 11 ވަނަ ދުވަހު އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފައިންގައި މާޒިޔާއިން ކުޅޭ މުހިންމު މެޗަށްޓަކައި ކަޕް ވިނާސް ކަޕްގެ ކުޅުން ވަގުތީގޮތުން މެދުކަނޑާލާނެ އެވެ. ޗެލެންޖު ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ހޯދުމުގެ މަގުސަދުގައި އަންނަ ހަފްތާގައި ގާލޮޅު ދަނޑުގައި މާޒިޔާއިން ނުކުންނާނީ ތަޖިކިސްތާންގެ ކަޕް ޗެމްޕިއަން އެފްސީ ރެގާރުއާ ދެކޮޅަށެވެ.
މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ތާވަލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހަށެވެ. އެ ދުވަހުގެ ހަވީރު އޮޑިން ބުރުއާ ދެކޮޅަށް ނުކުންނައިރު، އެރޭގެ މެޗުގައި މާޒިޔާ ބައްދަލުކުރާނީ ނިއު ރޭޑިއަންޓާ އެވެ. ލީގު ބުރުގެ ކުޅުން ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ކުޅޭ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭގަ އެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީޚުގައި ބޮޑު މަގުބޫލުކަމެއް ހޯދި ކަޕް ވިނާސް ކަޕް އަލުން މިއަންނަނީ 18 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހުއެވެ. މީގެ 31 އަހަރު ކުރިން، 1995 ވަނަ އަހަރު އެންމެ ފުރަތަމަ ބޭއްވި މި މުބާރާތުގެ 11 މުބާރާތެއް ބޭއްވުމަށްފަހު، 2009 ވަނަ އަހަރުން ފެށިގެން މުބާރާތް ބޭއްވުން ވަނީ ހުއްޓިފައެވެ.
އެންމެ ފަހުން 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ތަށި އުފުލާލީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. ނަމަވެސް، ޖުމްލަ ހަ ފަހަރު ތަށި ކާމިޔާބުކޮށްގެން މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ މަގާމު އަދިވެސް އޮތީ ކްލަބް ވެލެންސިއާ އަތުގައެވެ.




