ކުޅުދުއްފުށިގެ މަގު ހެދުމުގެ މަސައްކަތްކުރިއަށްދަނީ ހައުންސިންގ މިނިސްޓްރީންވެސް ބޭނުންވާ ސްޕީޑަކު ނޫންކަމަށް ހައުންސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ރޭ ކުޅުދުއްފުށީ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ބައެއް ސަބަބުތަކާ ހެދި ސަރުކާރުން ކިއްތަމެއް ވިޔަސް ބައެއް މަސައްކަތްތައް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވޭކަމަށެވެ. އެގޮތުން ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތްވެސް ވަރަށް ގިނަ ދުވަހު މެދުކެނޑިފައިއޮތުމަށް ފަހު މިހާރު ފެށިގެން ކުރިއަށްދާ ކަމަށާއި ނަމަވެސް އަދިވެސް އެ މަސައްކަތް ކުރިއަށްދަނީ ހައުންސިންގ މިނިސްޓްރީން ބޭނުންވާ ސްޕީޑެއްގަ ނޫން ކަމަށް ހައުންސިންގ މިނިސްޓަރު ޑރ މުއިއްޒު ވިދާޅުވި އެވެ.
” އަދިވެސް އަޅުގަނޑުމެން ބޭނުންވާ ސްޕީޑަކު ނޫން( ކުޅުދުއްފުށީ މަގު ހެދުމުގެ) މަސައްކަތް ދަނީކީއެއް. އަޅުގަނޑުމެން މިނިސްޓްރީން ދެކޭގޮތަކީ އަދިވެސް ބޭނުންވާ ސްޕީޑަކު ނޫނޭ އެމަސަކަތް ދަނީކީ އެއް. މިނިސްޓްރީގެ އިންޖިނިއަރިންގެ ޑިޕާޓްމަންޓްގެ ބޭފުޅުން އެކަން ހަވާލުކޮށްފައިވާ އެމްއާރުޑީސީއާ ގުޅިގެން ވަރަށް ގާތުން ބަލަމުންދަނީ. އެކަންތައް ދެން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް ރަނގަޅަށް ބަލާ، އަޅުގަނޑުމެންގެ މޮނިޓަރިންގގެ ދަށުން ކުރިއަށްދާނީ ” ކުޅުދުއްފުށީގައި މިނިސްޓްރ މުއިއްޒު ވާހަކަދައްކަވަމުން ވިދާޅުވި އެވެ.
މިނިސްޓަރ މުއިއްޒު ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު ބައެއް ބަދަލުތައް ރައްޔިތުންގެ ފަރާތުން ގެންނަން ބޭނުންވާކަމަށް އަޑުއިވިފައިވާ ކަމަށެވެ. އެއީ ތާރުއެޅުންކަމުގައި ވިޔަސް ނޫންނަމަ މަގު ޑިޒައިންނަކަށް ބަދަލުގެންނަ ޖެހުނުކަމުގައި ވިޔަސް ސަރުކާރުގެ ކެނޑިޑޭޓުން ކައުންސިލަށް ހޮއްވަވާދެއްވައިފި ނަމަ މިފަދަ މަސައްކަތުގައި ސަރުކާރަށް ފަސޭހަވެގެންދާނެކަމަށް މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.
“ސަރުކާރުން މަސައްކަތްކުރަނީ ވަރަށް އިހުލާސްތެރިކަމާއެކުގަ ބައެއް ކަންތައް ކިއްތަކެއް އަވަހަށް ކުރަން ބޭނުންކަމުގައި ވިޔަސް ބައެއް ކަންކަމުގައި ދަތިތައް ކުރިމަތިވެ ލަސްވެފައިވެ، އެއީ ސަރުކާރުން އެ މަސައްކަތްތައް ނުކުރާކަން ނޫން. ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް ކުރަން ހުންނާތީ ލަސްވަނީ، ރައީސް ޔާމީނަކީ ވަރަށް ތެދުވެރި ބޭފުޅެއް، އެހެން ކަމާއެކީގައި ވަރަށް ހިކުމަތާއި ވަރަށް ހިތްވަރާއެކީގައި މަސައްކަތްކުރައްވާ އެމަނިކުފާނުގެ ވައުދުތައް، އެއް ވައުދަށް ފަހު އަނެއް ވައުދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެދަނީ ފުރިހަމަ ކުރައްވަމުން.” މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރ މުއިއްޒު ވިދާޅުވީ ރައީސް ޔާމިންގެ ތެދުވެރިކަމާ ދޭތެރޭ އެއްވެސް ރައްޔިތަކު ޝައްކުކުރައްވާގެން ނުވާނެކަމަށެވެ.
“އެެހެން ވީމާ މިރަށުގެ އެއާޕޯޓްގެ ވައުދުވެސް ފުއްދަވާނެ. އެއްވެސް ޝައްކެއް އޮވެގެންނުވާނެ އެއާޕޯޓްގެ މަޝްރޫއާ ދޭތެރޭގަ” މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.