twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރޮނާލްޑޯގެ ހެޓްރިކާއެކު، ތަފާތު ބޮޑުކޮށް އެތުލެޓިކޯ ބަލިކޮށް ރިއަލް މެޑްރިޑް ފައިނަލާ ގާތަށް

May 3, 2017

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް 3-0 އިން ބަލިކޮށް ރިއަލް އިން ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

ރޭ ރިއަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ރިއަލް އިން ކާމިޔާބުކުރި ތިން ލަނޑުވެސް ޖަހައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 10 ވަނަ މިނެޓްގައި ކެސަމީރޯ ނަގައިދިން ހުރަހެއް ރޮނާލްޑޯ ބޮލުން ޖަހައިގެންނެވެ. މިއީ ޗެމްޕިއަންސް  ލީގު ނޮކް އައުޓް ސްޓޭޖްގައި ރޮނާލްޑޯ ކާމިޔާބުކުރި 50 ވަނަ ލަނޑަށްވާއިރު މިއީ ނޮކް އައުޓް ސްޓޭޖްގައި 50 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ.

މެޗުގެ 72 ވަނަ މިނެޓްގައި ތަނަވަސްވި ފުރުސަތެއްގައި ރޮނާލްޑޯ ވަނީ ވޮލީއެއްގައި ވަރަށް ހިތްގައިމު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. އަދި މެޗުގެ 86 ވަނަ މިނެޓްގައި ކައުންޓާ އެޓޭކެއްގައި ރިއަލްއިން ތަނަވަސްކުރި ފުރުސަތެއްގައި ރޮނާލްޑޯ ވަނީ ލަނޑު ޖަހައި ރޮނާލްޑޯގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މިއީ ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 103 ވަނަ ލަނޑަށްވާއިރު މިއީ މި މުބާރާތުގައި ވިދިވިދިގެން ދެ މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއެވެ.

މި ހެޓްރިކާއެކު ރޮނާލްޑޯ އަކީ މިހާރު މެސީއާއެކު ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ހެޓްރިކް ހެދި ކުޅުންތެރިޔާ އެވެ. އެއީ ޖުމްލަ 7 ހެޓްރިކް ހަދައިގެންނެވެ. އިތުރު ރިކޯޑް ތަކަށް ބަލާއިރު މިއީ ނޮކް އައުޓް ސްޓޭޖްގައި 3 ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި މިއީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 43 ވަނަ ހެޓްރިކެވެ. އަދި ރޮނާލްޑޯގެ މި ހެޓްރިކާ އެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށްވެސް ވެފަ އެވެ. އެއީ ޖުމްލަ 13 ލަނޑާއެކު އެވެ.

މި މެޗުގެ ދެވަނަ ލެގު އޮންނާނީ މި މަހުގެ 10 ވަނަ ދުވަހު އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގަ އެވެ. މިރޭ މި މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ މޮނާކޯ އަދި ޔުވެންޓަސް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355