އިންސާނުންނަކީ އެބައިމީހުންގެ ތަބީޢަތުގައި ކުށަށް އަރައިގަނެވޭ ބައެކެވެ. ނަމަވެސް ހަނދާން ކުރަން ޖެހޭ ކަމަކީ ﷲ އަޒާބުގެ ކުރިއަށް އެކަލާނގެ ރަހުމަތް އިސްކުރައްވާކަމެވެ. އެހެންކަމުން ފާފަކުރެވުމުން އަވަހަށް ތައުބާވާން ޖެހެއެވެ.
އަހަރެމެނަށް ފާފަކުރެވެނީ ކީއްވެ ހެއްޔެވެ؟ މައިގަނޑު ސަބަބަކީ އިބިލީހުގެ ވަސްވާސްތަކެވެ. ހަވާ ނަފްސާއި، ނޭއްގާނީ ކަމާއި، ޣާފިލުކަމާއި ކަންނެތް ކަމަކީވެސް ސަބަބުތަކެވެ. ވިސްނާލަން ޖެހޭ ކަމަކީ އަހަރެމެންގެ އެންމެ ބޮޑު އަދުއްވު އިބިލީސް، އަހަރެމެން ނިކަމެތި އިންސާނުންނަށް ފާފަކުރެވުމުން އަދި އޭނާގެ މަސައްކަތް ހުއްޓާ ނުލާ ކަމެވެ. އެގޮތުން އެކި ގޮތްގޮތުން އެކަމުން ސަލާމަތް ނުވެވޭނެ ގޮތްގޮތަށް އޭނާގެ މަސައްކަތްތައް ފަށައެވެ. އެގޮތުން އޭނާގެ މަސައްކަތުގެ ތެރެއިން މުހިއްމު ދެކަމަކަށް މަސައްކަތް ފަށައިގަނެ އެވެ.
އެންމެ ފުރަތަމަ ކަމަކަށް، ފާފަ ކުރާ އިންސާނާ ތައުބާ ނުވުމަށް ވަސްވާސްދީ ހައްލާލެވޭތޯ މަސައްކަތް ފަށައެވެ. އެހެނީ އިބިލީސް އިންސާނާ ތައުބާވާކަށް ބޭނުމެއް ނުވާނެ އެވެ. ޒަމާން ބަދަލުވެ މިއީ ފާފަކުރުމުގައިވެސް ނިކަން ފޯރި ހުރި ޒަމާނެކެވެ. ނަމަވެސް އަހަރެމެން އިންސާނުން ނިކަން ޖޯޝުލާފައި ފާފައެއް ކުރެވުނަސް އެކަން ކުރެވުމުން އެ ހުރި ޖޯޝު ނެތިގެސް އެކަމާ ހިތް ނުތަނަވަސްވާ ފަހަރު ވަރަށް ގިނަ އެވެ. އެހެން ކަމުން އެ ކަމާއި ދެރަވެ ﷲ ގެ ކިބައަށް ފާފަ ފުއްސެވުން އެދި ތައުބާ ދެންނެވުމުގެ ކުރިން އިބިލީސް އެކަމަށް ހުރަސް އެޅެން ހުރި ހުރިހާ ކަމެއް ކުރެއެވެ. ނަމަވެސް ކޮންމެ ފަހަރަކު އެކަމުގައި އިބިލީސް ކާމިޔާބެއް ނުވެ އެވެ.
އެގޮތުން މި ފުރަތަމަ ކަންތަކުގައި އިބިލީސް ނާކާމިޔާބުވެއްޖެ ނަމަ އޭނާގެ ދެވަނަ މަސައްކަތް އޭނާ ފަށަ އެވެ. އެއީ ތައުބާވާ އިންސާނާގެ ތައުބާ ﷲ ޤަބޫލު ނުކުރާކަން ހިތަށް ވެއްދުމުގެ މަސައްކަތެވެ. ނިކަން ވިސްނާލާށެވެ. މިގޮތަށް އިންސާނާއަށް ﷲ އޭނާގެ ތައުބާ ޤަބޫލު ނުކުރާކަން ހިތަށް ވައްދައިދެވިއްޖެނަމަ އެ އިންސާނާއަށް އެ ކުރެވެނީ ﷲ އަށް ކޮންފަދަ ބޮޑު މަލާމާތެއް ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ ތިރީގައިވާ ބަސްފުޅު ނިކަން ކިޔާލާށެވެ.
“ކަލޭގެފާނު ވިދާޅުވާށެވެ. އެއުރެންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ފާފައިން އިސްރާފު ކޮށްފައިވާ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަހުމަތުން އުއްމީދު ކަނޑައިނުލާށެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަހީމްވަންތަ ރަސްކަލާނގެ އެވެ.” (ސޫރަތުލް ޒުމަރު 53)
ﷲ ގެ ވަހީ ބަސްފުޅުގައި އެކަލާނގެ ރަހުމަތާއި މެދު އެއްވެސް ގޮތަކަށް އުއްމީދު ކަނޑައިނުލާން އަންގަވާފައިވަނިކޮށް އެކަލާނގެ ރަހުމަތާއިމެދު އުއްމީދު ކަނޑާލުމަކީ ފަހެ ﷲ އަށް ކުރެވޭ މަލާމާތަކަށް ނޫނީ ނުވާނެ ނޫން ހެއްޔެވެ؟ އަހަރެމެން އަމިއްލަ އަށް އެއްވެސް އުއްމީދެއް ނެތި، އެކަލާނގެ ފާފައެއް ދެން ނުފުއްސަވާނޭ ހިތައި ތައުބާވާނަމަ އެ ކުރެވެނީ ހާދަހާވާ ހިތާމަ ހުރި ކަމެކެވެ.
ނަމަވެސް ވިސްނާލަން ޖެހޭ މުހިއްމު ކަމެއް އެބަ އޮތެވެ. ތައުބާވާއިރު އަލުން އެ ކުށަށް އަރައި ނުގަތުމުގެ އަޒުމު ހުންނަންވާނެ އެވެ. އެމީހަކު އަމިއްލައަށް ހިތާއި ރޫހުން ދެން މި ފާފައަކަށް އަރައި ނުގަންނާނަމޭ ހިތުގައި އޮންނަން ވާނެ އެވެ. އެހެނީ ތައުބާވާއިރު އެމީހަކު އެ ކުށަށް އިއުތިރާފުވުމާއެކު، އަލުން އެ ފާފައަށް އަރައިނުގަތުމުގެ އަޒުމުގައި ފާފަ ފުއްސަވާނެ ކަމުގެ ފުރިހަމަ އުއްމީދާއި ޔަޤީން ކަމާއެކު އެ ފާފަ ފުއްސެވުން އެދި ދަންނަވަން ޖެހެ އެވެ. އަދި އެ ފާފައަކީ ތިމާ ކުރިޔަށް ނުދިއުމުގެ ސަބަބަކަށް ވެގެން ނުވާނެ އެވެ. އަދި ހަނދާން ބަހައްޓަން ޖެހޭނެ ކަމަކީ ގިނަގިނައިން ތައުބާވެ އަސްތަޣުފާރު ކުރާ އަޅުން ދެކެ ﷲ ލޯބިވެވޮޑިގަންނަވަ އެވެ.
އެހެންކަމުން ފާފައެއް ކުރެވި ﷲ ގެ ރަހުމަތާމެދު އުއްމީދު ކަނޑާލުމަކީ އިބިލީހުގެ ނުރައްކާތެރި ދަންތުރަތަކުގެ ތެރެއިން ދަންތުރައެއްކަން ހަނދާން ބަހައްޓަންވާނެ އެވެ. އޭ ﷲ ގެ އަޅާ އެވެ. ﷲ ގެ ރަހުމަތާމެދު އުއްމީދު ކަނޑާ ނުލާށެވެ.