twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހޮވުނަސް ނުހޮވުނަސް ރަށުގެ ތަރައްގީއަށް މަސައްކަތްކުރާނަން: ސަމާ

May 4, 2017

އުއްމީދު ކުރަނީ ކައުންސިލަށް ހޮވޭނެކަމަށްށާއި ނުހޮވުނު ކަމަށްވިޔަސް، ދެން އިންތިހާބުވާ ކައުންސިލަރުންނާ ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތް ކުރައްވާނެކަމަށް ކުޅުދުއްފުށީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ސަމާ އަލީ ވިދާޅުވެއްޖެ އެވެ.

ކޭއޯގައި ވާހަކަދައްކަވަމުން ސަމާ ވިދާޅުވީ ކައުންސިލްކަމަށް ކުރިމަތިލީ ރަށުގެ ހާލަތު ވަރަށް ގާތުން އިނގޭތީކަމަށާއި ބޭނުންވަނީ ރައްޔިތުންނަށް ސަމާގެ ފަރާތުން ކޮންމެވެސް ކަހަލަ ހިދުމަތެއް ކޮށްދިނުމަށްކަމަށެވެ.

“ކެމްޕެއިންގައި ގޭގެއަށް ދިއުމުން ރައްޔިތުން އެންމެ ބޮޑަށް ހުށައަޅަނީ މަގުމަތީގެ ހާލަތު. އެހެންވީމާ ހޮވުނަސް ނުހޮވުނަސް ސަމާގެ ޒިންމާއެއް ގޮތުގައި އެކަން ދެކިގެން ހަމަ ގައިމުވެސް ކުރާނަމޭ އޭރުން ހޮވޭ ކައުންސިލަރަކާ ހަމަ ވާހަކަ ދައްކައިގެން ކުރިއެރުމެއް ލިބޭތޯވެސް މަސައްކަތް ކުރާނަމޭ އެއީ އަމިއްލަ ދިރިއުޅޭ ރަށް ތަރައްގީ ކުރީމަ ރަށް ތަރައްގީވާނީ އެއީ ސަމާ ނަޒަރުގަ ދެކޭގޮތް” ސަމާ ވިދާޅުވި އެވެ.

އެންމެ ގިނައިން ރައްޔިތުން ކުރާ ޝަކުވާއަކީ މަގުތަކުގައި ފެންބޮޑުވެ ހިންގާ މައްސަލަ ކަމަށާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑެތި އުނދަގޫތައް ކުރިމަތިވަމުންދާ ކަމަށެވެ. ސަމާ ކައުންސިލަށް ހޮވިއްޖެނަމަ ފެންބޮޑުވާ މަގުތަކަށް ވެލި އެޅޭނެ ގޮތެއް ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

ޒުވާނުންގެ ބޮޑު އާބާދީއެއް ކުޅުދުއްފުށީގައި އޮންނައިރުވެސް އަދިވެސް ކުޅިވަރު އެކުވެންޏެއް ނެތްކަމަށާއި އަދި ބޮޑެތި މުބާރާތްތައް ބާއްވާ ސްޓޭޑިމްގެ ހާލަތުވެސް ވަރަށް ދަށް ކަމަށެވެ. އެހެންކަމުން އެކަންތައްތައް ރަނގަޅުކުރުމަށް ސަރުކާރާ ވާހަކަދައްކައިގެން ވީ އެންމެ އަވަސް މުސްތަގުބަލެއްގައި ޒުވާނުން އެދޭ ކަންތައް ފެންނާނެ ކަމަށެވެ. ސައިކަލާއި ކާރު ރޭސް ޖަހާ ޒުވާނުންނަށް ޕްރެކްޓިކްސް ކުރާނެ ބިމެއް ހޯދައިދޭން މަސައްކަތް ކުރާނެ ކަމަށް ސަމާ ވިދާޅުވި އެވެ.

ގެދޮރުވެރިކަމާ ގުޅޭ ގޮތުން ސަމާ ވިދާޅުވީ މިހާރު ހަދަން ފަށާ އަދި ނިމި ހުރި ބައެއް ރޯހައުސްތައް ރައްޔިތުންނަށް އަވަހަށް ބޭނުންކުރެވޭނެ ގޮތެއް ސަރުކާރާ ވާހަކަދައްކައިގެން ލިބޭތޯ މަސައްކަތްކުރާނެ ކަމަށެވެ. ވެލިގަނޑުގައި އިތުރު ރޯހައުސް އެޅުމަށް ސަރުކާރަށް ހުށަހަޅާނެކަމަށްވެސް ސަމާ ވިދާޅުވި އެވެ. ކުޅުދުއްފުއްޓަކީ ޒަމާނުންސުރެ ވަރަށް ފޯރިގައި އީދުކުޅިވަރު ކުޅެމުންދާ ރަށެއްކަން ފާހަގަކުރަމުން ސަމާ ވިދާޅުވީ އެކަން ކުރުމަށް ދާއިމީ ރަނގަޅު ފެންވަރުގެ ސްޓޭޖެއް ބޭނުންވާ ކަމަށެވެ. ކައުންސިލަށް ހޮވިއްޖެނަމަ އެކަންތައްތައް ކުރުމަށް ސަރުކާރާއި ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރާނެ ކަމަށް ސަމާ ވިދާޅުވި އެވެ.

“ސަރުކާރުން ކައުންސިލަށް އެއްބާރުލުން މި ނުދިނީ އެހެންކަމަށް ވަނިއްޔާ ދެން ތިބީ އަޅުގަނޑުމެން މި ހޮވި ރައްޔިތުން އަޅުގަނޑުގެ ޒިންމާއެއް އެއީ ރައްޔިތުންނާ ވާހަކަ ދައްކާ ލަފާއާއި މަޝްވަރާ ހޯދުން އެއީ ސަމާ ކުރާނެ ކަމެއް. މިހާރުވެސް ބޭފުޅުން ކައިރި ހިޔާލު ދެއްވާށޭ އެކަންކަން ރަނގަޅު ކުރާނަން. އެއާޕޯޓް ހޮސްޕިޓާ ކަންކަން ރަނގަޅު ނުވާ ނަމަ ދެންތިބީ ރައްޔިތުން ނިކުތުން” ސަމާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355