ލޯކަލް ކައުންސިލް އިންތިހާބު ވޯޓުލުން މިއަދު 8 ޖެހިއިރު ފަށައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 422 ވޯޓު ފޮށި ބެހެއްޓިފައި ހުރިއިރު ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 255،987 މީހުންނަށެވެ. މި އިންތިހާބުގައި 179 ރަށު ކައުންސިލަށް 563 ކައުންސިލަރުން އިންތިހާބުކުރާނެ އެވެ. 18 އަތޮޅު ކައުންސިލަށް 67 ކައުންސިލަރުން ހޮވާނެ އެވެ.
މި އިންތިހާބުގައި ކުޅުދުއްފުށީގައި 8 ވޯޓު ފޮށި ބެހެއްޓިފައި ވެއެވެ. އެއީ ކުޅުދުއްފުށީ ކެމްޕަހުގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓާއި ހދ އަތޮޅު ތައުލީމީ މަރުކަޒު ހޯލުގައި ބެހެއްޓިފައިހުރި 2 ވޯޓު ފޮއްޓާއި، އެ ސްކޫލް ޓީއާރުސީގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓާއި، އަމީރު އަމީން ސްކޫލްގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓާއި، އަފީފުއްދީން ސްކޫލް ހޯލުގައި ބެހެއްޓިފައި ހުރި 2 ވޯޓު ފޮށީގެ އިތުރުން ތިލަދެކުނު ސިނަމާގައި ބެހެއްޓިފައި ހުރި ވޯޓު ފޮއްޓެވެ.
މި އިންތިހާބުގައި ކުޅުދުއްފުށީގެ 6،458 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައި ވެއެވެ.