މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުން ފަސްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި ވަނީ ބައެއް ވޯޓު ފޮށިތައް ބަންދުކުރާ ވަގުތަކީ މިރޭ 8:00 ޖަހާއިރު ކަމަށާއި ވޯޓް ގުނަން ފެށުމަށް ހަމަޖެހިފައި ވަނީ 30 މިނެޓް ފަހުން ކަމަށެވެ.
ކުޅުދުއްފުށީގައި ބަހައްޓާފައިވާ 8 ވޯޓްފޮށީގެ ތެރެއިން 6 ޖެހިއިރު ބަންދުކޮށްފައިވާ އެންމެ ފޮއްޓެކެވެ. އެއީ އަފީފުއްދީން ސްކޫލުގެ ހޯލްގެ ދެކުނު ކޮޅުގައި ބަހައްޓާފައިވާ ވޯޓް ފޮއްޓެކެވެ. އެފޮށި ބަންދުކޮށްފައިވާއިރު އެފޮއްޓަށް ވޯޓްލާފައިވަނީ 234 މީހުންނެވެ. އެވޯޓްފޮއްޓަށް ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވަނީ 644 މީހުންނެވެ.
އޭގެ އިތުރުން އެކި ސަބަބުތަކާހުރެ ވޯޓުލުން ލަހުން ފެށުމާއި ގުޅިގެން ވަގުތު އިތުރުކޮށްފައިވާ ފޮށިތައްވެސް 8 ޖެހުމާއި ހަމައަށް ބަންދުކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައި އެވެ.