އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރާނީ މާދަމާ ކަމަށް އީސީ އިން ބުނެފި
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
“އަވަސް” އަށް މައުލޫމާތު ދެމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގެ ވަގުތީ ނަދީޖާ މާދަމާ މެންދުރުގެ ވަގުތެއްގައި އިއުލާން ކުރުމަށް މަސައްކަތް ކުރާ ކަމަށާއި އިލެކްޝަންސް ކޮމިޝަނަށް ނަތީޖާ ޝީޓްތައް ޔަގީން ކުރެވޭ މިންވަރަކުން އެ ކޮމިޝަންގެ ވެބްސައިޓަށް އަރުވަމުން އަންނާނެ ކަމަށެވެ.
އަދި އެ ކޮމިޝަންގެ ވެބްސައިޓަށް އެރުވުމަަށްފަހު އެއްވެސް ނަތީޖާއެއް ނުނަގާ ކަމަށް އަކްރަމް ވިދާޅުވި އެވެ.
އޭގެ އިތުރުން މީގެ ކުރީގައި ބޭއްވި ކައުންސިލް އިންތިހާބުގައި ޖުމުލަ ވަގުތީ ނަތީޖާ އިއުލާންކުރަން ތިން ދުވަސް ނަގާފައިވާ ކަމަށާއި އިއްޔެ ބޭއްވި ކައުންސިލް އިންތިހާބުގައި 1،486 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރި އިރު އިންތިހާބު ކުރަން ޖެހެނީ 664 ކައުންސިލަރުން ކަމަށްވެސް އަކްރަމް ވަނީ ވިދާޅުވެފައި އެވެ.