ޕީއެސްއެމް އިން އިންތިރާމުކުރާ “ކުޑަކުދިންގެ ގުރުއާން މުބާރާތް 1438” ގެ އޮޑިޝަން މި މަހުގެ 12 އަދިި 13 ވަނަ ދުވަހު ކުޅުދުއްފުށިގައި ގެންދިޔުމަށް ވަނީ ހަމަޖެހިފައި އެވެ.
ހަމައެކަނި ބަލައިގެން ކިޔެވުމުގެ ގޮފިން މިއަހަރުގެ މުބާރާތް ބާއްވާއިރު ކުޅުދުއްފުށީގެ އޮޑިޝަންތަށް ކުރިއަށް ދާނީ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެވެ.
އެއީ 12 ވާ ހުކުރު ދުވަހު ހެނދުނު 9:00 ން 10:30 ށް އަދި މެންދުރުފަހު 14:30 ން ހަވީރު 17:00 ށެވެ. އަދި 13 ވާ ހޮނިހިރު ދުވަހުގެ ކިޔެވުން ކުރިއަށް ގެންދާނީ ހެނދުނު 9:00 ން 12:00 ށް އަދި މެންދުރުފަހު 13:30 ން ހަވީރު 17:00 ށެވެ.
މި އަހަރުގެ 1 އެޕްރީލް އަށް އުމުރު ފުރާ ބަލާއިރު މި މުބާރާތް ބަހާލައިފައި ވަނީ 3 އުމުރު ފުރާއަކަށެވެ. މި މުބާރާތުގެ އުމުރުފުރާ ތަކަކީ 5 އަހަރާއި 7 އަހަރާއި ދެމެދު، 7 އަހަރާއި 10 އަހަރާއި ދެމެދު އަދި 10 އަހަރާއި 13 އަހަރާއި ދެމެދެވެ.
އޮޑިޝަންގައި ކިޔަވަން ޖެހޭނީ އަލްޤާރިއަތު ސޫރަތުން ފެށިގެން މަތީގެ ސޫރަތަކުގެ ތެރެއިން ކިޔަވާ ބައިވެރިޔާ އިހްތިޔާރުކުރާ ސޫރަތެއްގެ 5 ފޮޅުވަތާއި 7 ފޮޅުވަތާއި ދެމެދުގެ މިންވަރެކެވެ.
އަދި އޮޑިޝަންގައި ބައިވެރިވުމަށް ކިޔެވުން ބޭއްވުމަށް ހަމަޖެހިފައިވާ ގަޑީގައި އައިޑީކާޑް ހިފަައިގެން އޮޑިޝަން ކުރިއަށްދާ ތަނަކަށް އައުމުން އޮޑިޝަންގައި ބައިވެރި ވެވޭނެ އެވެ.