twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންނަންއުޅޭ ބަދަލާއެކު ޖަލާލުއްދީން ސްކޫލަށް ދެން ވާނީ ކިހިނެއް؟

ޢަލީ އިސްމާޢީލް
May 9, 2017

ހަނދާން އެބަހުރި ހެއްޔެވެ؟ މިއަހަރު ސްކޫލްތަކުގެ ކިޔެވުން ފެށުނީ، ކުޅުދުއްފުށީގެ އެންމެ ދުވަސްވީ ސަރުކާރުގެ ދެ ސްކޫލް ކަމަށްވާ، ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، ޖަލާލުއްދީން ސްކޫލަށް 2018 ވަނަ އަހަރު ބޮޑު ބަދަލެއް އަންނާނެ ކަމުގެ ޚަބަރާއެކުގައެވެ.

ސަރުކާރުން ނިންމާފައިވާ ގޮތުންނަމަ، ޖަލާލުއްދީން ސްކޫލް ބަދަލުވާނީ ހަޔަ ސެކަންޑަރީ ސްކޫލަކަށެވެ. އަންނަ އަހަރު އޮންނާނީ ގުރޭޑް 9 ން ފެށިގެން 12 އަށެވެ. އެއަށްފަހު، ޖެހިގެން އަންނަ އަހަރު ލޯވާ ސެކަންޑަރީ ގުރޭޑެއްގެ ގޮތުގައި އޮންނާނީ ގުރޭޑް 10 އެކަންޏެވެ.

ލޯވާ ސެކަންޑަރީ އުވާލުމުން ޔަގީނުންވެސް ސްކޫލްގައި ހުރި ބައެއް ވަސީލަތްތައް ހުންްނާނީ ޒާތަކަށް އިތުރުވެފައެވެ. ސަބަބަކީ ދަރިވަރުންގެ އަދަދު މަދުވުމެވެ. މިއީ ލިބޭނެ އުނިކަމެކެވެ.

އަންނަން އުޅޭ ބަދަލާއެކު ސްކޫލަށް ކުރިމަތިވާނެ އެއް ގޮންޖެހުމަކަށްވާނީ ދަރިވަރުންގެ އަދަދު މަދުވުމެވެ. އެކަށީގެންވާ އަދަދެއްގެ ދަރިވަރުން ސްކޫލްގައި ތިބުމަކީ ވަރަށް މުހިންމުކަމެކެވެ. އޭލެވަލްއަށް ކިޔެވުމަށް ކޮންމެ އަހަރަކު ސަތޭކަ ކުދިންވެސް ޖަލާލުއްދީން ސްކޫލަށް ނުވަދެއެވެ. މިހެން ދިމާވާ ދެސަބަބެއްވެއެވެ. ފުރަތަމަ ސަބަބަކީ އޭލެވެލްއަށް ވަދެވޭ ފެންވަރަށް ފާސްވާކުދިންގެ އަދަދެވެ.

އަނެއް ސަބަބަކީ، ހއ، ހދ. އަދި ށ. އަތޮޅުގެ ގިނަ ސްކޫލްތަކުގައި، އޭލެވެލްއަށް މިހާރު ކިޔަވައިދިނުމެވެ. އަދި ޖަލާލުއްދީން ސްކޫލްގެ އޭލެވެލް ނަތީޖާތަކާއި، އޯލެވެލް ނަތީޖާތައް އަދި ސްކޫލްގެ ހަރަކާތްތައް، ހއ. ހދ. އަދި ށ. އަތޮޅުގެ ބައެއް ސްކޫލްތަކުގެ ނަތީޖާތަކާއި ހަރަކާތްތަކާއި އަޅާކިޔާއިރު، ދަރިފުޅު ކުޅުދުއްފުއްޓަށް ކިޔަވަން ގެންނަންޖެހޭވަރުގެ ބޮޑު ތަފާތެއް އޮތްކަމަށް މިހާރު ގަބޫލުނުކުރެވުމެވެ.

ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލާއެކު، ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންގެ އަދަދު ދެން ބިނާވާނީ ތައުލީމީ މަރުކަޒާއި، އަފީފުއްދީން ސްކޫލާއި އަދި މިސަރަހައްދުގެ އެހެން ސްކޫލްތަކުގެ އޯލެވެލް ނަތީޖާގެ މައްޗަށެވެ. އަދި ވަކިން ޚާއްސަކޮށް، ޖަލާލުއްދީން ސްކޫލުން އޭލެވެލް އިމްތިހާނުގައި ހޯދާ ނަތީޖާގެ މައްޗަށެވެ. ދަރިވަރުންނަށް ލިބިދެވޭ ތައުލީމީ ފުރުސަތުތަކުގެ ތަފާތުކަމުގެ މައްޗަށްވެސް މެއެވެ.

ދަރިވަރުންގެ އާބާދީ އެކަށީގެންވާ މިންވަރެއްގައި އޮންނަ ހައި ސްކޫލެއްގެ ގޮތުގައި ޖަލާލާލުއްދީން ދެމިއޮންނަން ބޭނުންނަމަ، މިސަރަހައްދުގެ އެހެން ސްކޫލްތަކާއި ތަފާތު، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭންޖެހޭނެއެވެ. ތަފާތު ތައުލީމީ ފުރުސަތު، އެއީ ހަމައެކަނި އެޑެކްސެލް އޭލެވެލް ނޫންކަމަށްވެސް ނިންމިދާނެއެވެ.

އޭލެވެލް ނަތީޖާއެއީ މިހާރު ބެލެނިވެރިން ދަރިން ސްކޫލަށް ވައްދާ ހަމައެކަނި ސަބަބެއްނޫނެވެ. ހައި ސްކޫލް ނިމޭއިރު ވަށާޖެހޭ ތައުލީމެއްގެ ތެރެއިން ދަރިވަރު ހުންނަންޖެހޭނީ، އިތުރަށް އުނގެނޭށާއި، މުޖުތަމައުގެ ރަނގަޅު ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ތައްޔާރުކުރުވިފައެވެ.

ދަރިވަރުންގެ އޭލެވެލް ނަތީޖާ އަހަރުން އަހަރަށް ދަށްވަމުންދާކަމަށް ވާނަމަ، އެކަންވާނީ، ރަނގަޅު ސްކޫލެއްގެ ގޮތުގައި ދެމިއޮތުމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށެވެ.

ކޮންމެއަކަސް، ސަރުކާރުން ގެންނަން މިއުޅެނީ މުހިންމު ބަދަލެކެވެ. އޭގައި ގޮންޖެހުންތަކާއި ފުރުސަތުތަކެއް ވެސް ސްކޫލަށް އޮތް ބަދަލެކެވެ. ދެންއޮތީ ގޮންޖެހުންތައް ގިރާކޮށް ފުރުސަތުތަކުން ފައިދާ ނަގާނެ ބުއްދިއެއް އެންމެންވެގެން ކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355