twitterviber whatsapp telegramfacebookyoutube instagram
19th April 2024

ތިން އަހަރުގެ ތެރޭގައި މާލިއްޔާ 2 ލައްކަ ރުފިޔާއިން 1.6 މިލިއަން ރުފިޔާއަށް ވަނީ އިތުރުކުރެވިފައި

May 10, 2017

ކައުންސިލްގެ ތިން އަހަރުގެ ދުވަހުގެ ތެރޭގައި ރައްޔިތުން މާލިއްޔާ 2 ލައްކަ ރުފިޔާއިން 1.6 މިލިއަން ރުފިޔާއަށް އިތުރުކުރެވިފައިވާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިދައުރުގެ ކައުންސިލް ހަވާލުވިއިރު ރަށު މާލިއްޔާގައި ހުރީ 2 ލައްކައެއްހާ ރުފިޔާ އެވެ. ނަމަވެސް ކައުންސިލް މެމްބަރުންގެ މަސައްކަތުން ފާއިތުވި 3 އަހަރުގެ ތެރޭގައި މާލިއްޔާ މުއްސަދިކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާގެ ގޮތުން އެއަދަދު ވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައި އެވެ. މިހާރު މާލިއްޔާގައި 1.6 މިލިއަން ރުފިޔާ އެބަހުއްޓެވެ.

މީގެން ކުރިން ކުޅުދުއްފުށީ ކައުންސިލްގެ މާލިއްޔާއަށް މަހަކު ވަންނަނީ 87000 އެއްހާ ރުފިޔާ އެވެ. ނަމަވެސް މިހާރު މަހަކު 150،000 ރުފިޔާގެ ބޮޑު އާމްދަނީއެއް ކައުންސިލްގެ މާލިއްޔާއަށް ވަދެ އެވެ.

ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގެ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ރަށުގެ މާލިއްޔާ މުއްސަދި ކުރުމަށްޓަކާ ކައުންސިލް މެމްބަރުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މިއަދު އެ މަސައްކަތްތަކުގެ ފޮނި ނަތީޖާ ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

“އިންތިހާބުވުމުން އަޅުގަނޑުމެން ބެލީ ސަރުކާރުގެ ބަޖެޓްގެ އިތުރުން ކުޅުދުއްފުށީ ކައުންސިލް މާލިއްޔާގައި ހުރީ 2 ލައްކައެއްހާ ރުފިޔާ. އޭގެ ނުވާނެތީ އަޅުގަނޑުމެން ބެލީ ރެގިއުލާކޮށް މާލިއްޔާއަށް ފައިސާ ވަންނާނެ ގޮތްތައް ހޯދުން”. ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އެގޮތުން ސަރުކާރާ ގުޅިގެން ބިންތަކެއް ކުއްޔަދީގެންނާއި އެހެނިހެން ގޮތްގޮތުން މާލިއްޔާ ބޮޑުކުރުމަށް މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

އަލީ ވިދާޅުވީ ކުރީގެ އެދުރުހިޔާ މަތީ ތައުލީމް ފޯރުކޮށްދިނުމަށް ކޮލެޖަކާ ހަވާލުކުރެވިފައިވާއިރު އެތަނުގައި ކޯސްތައް ފަށައިގަތުން އަހަރުގެ 2 ސްކޮލަޝިޕް ކުޅުދުއްފުށީ ކައުންސިލަށް ލިބޭނެ ކަމަށެވެ. އަދި އެ ސްކޮލަޝިޕްގެ ފުރުސަތު ދެވޭނީ ކުޅުދުއްފުށީގެ ދަރިން މަތީ ތައުލީމު ހޯދުމަށްކަމަށް އަލީ ވިދާޅުވީ އެވެ.

މިހާރުވެސް ކައުންސިލް މާލިއްޔާއިން ގިނަ ހަރަދުތަކެއް ކުރަމުންދާކަމަށް އަލީ ފާހަގަކުރައްވާ ވިދާޅުވީ 2015 އަހަރު މިސްކިތްތައް އިސްލާމިކް މިނިސްޓްރީއަށް ނެގިނަމަވެސް އެތަންތަނުގެ ކަރަންޓް ބިލާއި ފެން ބިލް ފިޔަވާ އިތުރު އެއްވެސް ހަރަދެއް މިނިސްޓްރީއަކުން ނުދެއްވާ ކަމަށެވެ. އިތުރު ހުރިހާ ހަރަދެއް ކުރަމުންދަނީ ކައުންސިލް މާލިއްޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

ގުރުއާން ބެހޭ މަރުކަޒެއް ކުޅުދުއްފުށީގައި ގާއިމްކުރެވި އެތަން ބޭނުންވާ އެޑްމިން އޮފިސަރެއް ނެގުމަށް ވަރަށް އަވަހަށް މަސައްކަތް ފަށާނެ ކަމަށާއި އެއީވެސް ހަމަ ރަށު މާލިއްޔާއިން ކުރާ ހަރަދެއް ކަމަށެވެ.

މަރުވާ މީހުން ވަޅުލުމަށް ވަޅުކޮންނާނެ 3 މުވައްޒަފަކު ނަގާފައިވާ ކަމަށާއި އެމީހުންގެ މުސާރަވެސް ދެނީ ކައުންސިލް މާލިއްޔާއިންކަން އަލީ ފާހަގަކުރެއްވި އެވެ. އަދި ހަމަ ބަނދަރު ސަރަހައްދުގައި ކައުންސިލް ހަރަދުގައި ލައިޓް ޖެހުމާއި މަސްކާރުކޭޓެއް ހެދުމުން ފަދަ ކަންތައްތައް އަލީ ފާހަގަކުރެއްވި އެވެ.

ސްކޫލުތަކުގެ ކުރިން އެރުވުމަށާއި ދަރިވަރުންނަށް އަދި ޒުވާނުންގެ ކުޅިވަރަށާއި ކުލަބު ޖަމިއްޔާތަކަށް އެހީ ފޯރުކޮށްދީފައިވާނެ ކަމަށް އަލީ ވިދާޅުވި އެވެ.

“އެއްވެސް މުވައްސަސާއަކަށް، ކުޅުދުއްފުށީގެ ކުލަބު ޖަމްއިއްޔާތަކަށް، ސްކޫލުތަކަށް، ކުޅުދުއްފުށީ ކައުންސިލަށް އެހީއަކަށް އެދި ފޮނުވާފައިވާ އެއްވެސް ކަމަކަށް އަޅުގަނޑުމެން ނޯނާނެ ތިކަމެއް ތިމަންނަމެންނަށް ނުކޮށްދެވޭނެ ބުނެ ފޮނުވާލެވިފައެއް” ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ސަރުކާރަށް ބަރޯސާނުވެ އަމިއްލަ ބޭނުންތައް ފުއްދާލެވޭ ވަރަށް ކައުންސިލްގެ އާންމުދަނީ އިތުރުކުރެވިފައިވާތީ ހިތްހަމަޖެހޭ ކަމަށް އަލީ ވިދާޅުވި އެވެ. މި ހުރިހާ ހަރަދުތަކެއްކޮށްވެސް މާލިއްޔާގައި މިއަދު 1.6 މިލިއަން ރުފިޔާ ހުރިކަމަށް އަލީ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355