މި ކައުންސިލްގެ 3 އަހަރުގެ ތެރޭގައި ކުޅުދުއްފުށީގެ ފުޓްބޯޅައަށް 6 ލައްކައަށްވުރެ ގިނަ ފައިސާ ކައުންސިލް މާލިއްޔާއިން ޙަރަދުކޮށްފައިވެ އެވެ.
އެގޮތުން ޒިގްޒެގް ފުޓްބޯޅަ މުބާރާތުގެ މެއިން ސްޕޮންސަރ ނެގުމަށް 50،000 ރުފިޔާ މާލިއްޔާއިން ހަރަދުކޮށްފައިވެ އެވެ. 2015 ވަނަ އަހަރު މިނިވަން ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށިން ނެރުނު ޓީމަށާއި މުބާރާތް ހޯސްޓްކުރުމަށް 125،000 ރުފިޔާ ހަރަދުކުރިއިރު 2016 ވަނަ އަހަރު 75000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި މިއަހަރުގެ މިނިވަން ފުޓްބޯޅަ މުބާރާތް ހޯސްޓްކުރުމަށާއި ޓީމަށް މިހާތަނަށް ޖުމްލަ 380،000 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މިއަހަރުގެ ސަޕޯޓަރުންގެ ޖާރޒީ ވިއްކައިގެން 167،650 ރުފިޔާ ލިބިފައިވެ އެވެ. އެ ފައިސާ އަކީ ކައުންސިލުން މާލިއްޔާއަށް ލިބޭނެ ފައިސާ ކަމަށް ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ކޭއޯގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ހުރިހާ ފައިސާއެއްވެސް ހަރަދުކުރެވިފައިވާނީ ޕްރޮކިއުމެންޓްގެ ތެރެއިން މާލިއްޔަތު ގާނޫނާއި އެއްގޮތުގެ މަތިންކަމަށެވެ.
މިއަހަރުގެ މިނިވަން ފުޓްބޯޅަ މުބާރާތުގެ ކުޅުދުއްފުށިން ނެރުނު ޓީމަށް ކައުންސިލުން ފުރަތަމަ ހަރަދުކުރަން ނިންމާފައިވީ 50،000 ރުފިޔާ އެވެ. ނަމަވެސް ފަހުން އެ އަދަދު ބޮޑުކުރަން އެއްބަސްވީ ޒުވާނުންގެ ފަރާތުން ކުރިމަތިވި ޕްރެސަރުތަކެއްގެ ސަބަބުން ކަމަށް އަލީ ވިދާޅުވި އެވެ.
” ރާއްޖޭއިން ބޭރުގެ ކުޅުންތެރިން ހިމެނުމަށް ޕްރެސަރުތަކެއް ކުރިމަތިވި. އެކަމަށް އެންމެ ފުރަތަމަ ފަހަރުވެސް ދެކޮޅު ހެދިން. އެ ހަރަދު ވޭސް ވެދާނެތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރިން. ނަމަވެސް ފަހުން އެއްބަސްވީ ޒުވާނުންނަށްޓަކާ ” އަލީ ވިދާޅުވި އެވެ.
އަލީ މުހައްމަދު ވިދާޅުވީގޮތުގައި ޓީމުގެ ކޯޗާއި އެކްސްކޯ އަދި ޓީމު ހިމެނޭ ކުޅުދުއްފުށީގެ ކުޅުންތެރިންނާއި ޓީމްގެ މެނޭޖްމެންޓްގައި ހިމެނޭ ހުރިހާ ފަރާތްތަކެއްވެސް މަސައްކަތްކޮށްފައިވަނީ ހިލޭ ސާބަހަށް ކަމަށް އަލީ ވިދާޅުވި އެވެ.