twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކަރަންޓް ބިލް ނުދައްކައިގެން ކުމުންދޫ މަގު ބައްތިތަކުން ކަރަންޓް ކަނޑާލައިފި

May 16, 2017

ފާއިތުވި ތިން މަހުގެ ކަރަންޓް ބިލް ނުދައްކައިގެން ހދ ކުމުންދޫ މަގު ބައްތިތަކާއި ބަނދަރު ސަރަހައްދުގައި ޖަހާފައި ހުރި ބައްތިތަކުން ފެނަކަ ކޯޕަރޭޝަނުން މިރޭ ކަރަންޓް ކަނޑާލައިފި އެވެ.

މަގު ބައްތިތަކުންނާއި ބަނދަރު ބައްތިތަކުން ކަރަންޓް ކަނޑާލުމުން ރަށު ތެރެ މިރޭ ފެންނަނީ ވަރަށް އަނދިރިކޮށެވެ.

ފާއިތުވި 3 މަހުގެ ކަރަންޓް ބިލްތައް ނުދައްކައިގެން މިރޭ ކަނޑާލާފައިވާއިރު ކަރަންޓް ބިލްތަކަށް 74000 ވުރެ ގިނަ ރުފިޔާ އަރާފައިވެ އެވެ.

ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު މިރޭ ކޭއޯއަށް ވިދާޅުވީ ކަރަންޓް ބިލްތަކުގެ ފައިސާ ނުދެއްކިފައި ހުރީ ފިނޭންސް މިނިސްޓްރީގެ ތެރެއިން ފައިސާ ނުލިބިގެން ކަމަށާއި ބައްތިތަކުގެ ކަރަންޓް ބިލްތައް ދެއްކުމަށް ފައިސާ ހަމަޖައްސައިދެއްވުން އެދި ސިޓީއަކުން މިނިސްޓްރީގައި އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ކަރަންޓް ކަނޑާނުލުމަށް އެދި ފެނަކަ ކުމުންދޫ ބުރާންޗުގައި އެދިފައިވާނެ ކަމަށާއި ފިންނޭސް މިނިސްޓްރީއާ އެކު ފައިސާ ކަންތައް ހަމަޖެހޭތޯ ބަލަމުން އަންނަކަން އެކޯޕަރޭޝަން އަންގާފައިވާނެ ކަމަށެވެ. އަދި މިނިސްޓްރީން އެފައިސާ ކައުންސިލް އިދާރާއަށް ޖަމާކޮށްދެއްވިހާ އަވަހަކަށް ބިލްތައް ދައްކާނެކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ދޭ މިފަދަ ހިދުމަތްތައް މެދުކެނޑިޔަނުދީ ދެއްވުމަށް އެދިފައިވާނެކަމަށްވެސް އަމީން ވިދާޅުވި އެވެ.

އަމީން ވިދާޅުވީ މިއީ ސަރުކާރުން ރާވާއިގެން ކައުންސިލްތަކަށް ކުރަމުންދާ ޖެއްސުމެއް ކަމަށާއި މިއީ ރައްޔިތުންނަށް ސަރުކާރުން ގަސްތުގައި ކުރަމުންދާ އަނިޔާއެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355