ބިލް ނުދައްކާތީ ކުޅުދުއްފުށީގެ މަގު ބައްތިތަކުންވެސް ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރު ފެނަކަ ކޯޕަރޭޝަނުން ދީފި އެވެ.
ބިލް ނުދައްކައިގެން ރޭ ވަނީ ހދ ކުމުންދޫގެ މަގު ބައްތިތަކުންވެސް ކަރަންޓް ކަނޑާލާފަ އެވެ. ނަމަވެސް އަލުން ރޭގެ ވަގުތެއް ވަނީ ކަރަންޓް ދޫކޮށްފަ އެވެ.
ކުޅުދުއްފުށީގެ މަގު ބައްތިތަކަށް ޖުމްލަ 1.6 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދައްކަންވެފައި އެބައޮތެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު ކޭއޯއަށް ވިދާޅުވީ މަގު ބައްތިތަކުގެ ކަރަންޓް ބިލަށް ފައިސާ ހޯދުމަށް އެދި އެތަށް ފަހަރަކު ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް މިއަހަރުގެ އެއްވެސް މަހެއްގެ ބިލަށްވާ ފައިސާ މިނިސްޓްރީން ހަމަޖައްސާދީފައިނުވާކަމަށް އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ މަގު ބައްތިތަކުގެ ކަރަންޓް މައްސަލާގައި އިއްޔެވެސް ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށެވެ.
ކަރަންޓް ކަނޑާލައިފިނަމަ ފޫނުބެދޭފަދަ އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް ނިކުމެދާނެކަމުގެ ބިރު އޮތުމުގެ އެކަމުގެ ކަންބޮޑުވުމުންވެސް ފިނޭންސް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަންގެ ކުޅުދުއްފުށީ ބުރާންޗްގެ މެނޭޖަރަށް ދައްނަވާފައިވާނެ ކަމަށް އަލީ ވިދާޅުވި އެވެ.