ޒަމާން ތަކަކަށްފަހު ފިނޭންސް މިނިސްޓްރީއިން ދައުލަތުގެ އާމްދަނީ އާއި ޚަރަދު ރިޕޯޓު ޕަބްލިޝްކުރަން ފަށައިފި އެވެ.
މަންތުލީ ފިސްކަލް ޑިވެލޮޕްމަންޓްގެ ނަމުގައި ފިނޭންސް މިނިސްޓްރީ އިން ޕަބްލިޝްކުރި މާރިޗު މަހުގެ ރިޕޯޓްގައި ވާގޮތުން 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ދައުލަތުގެ އާމްދަނީގެ ގޮތުގައި 5 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ހަމަ މިމުއްދަތުގައި ދައުލަތުގެ ޚަރަދުގެ ގޮތުގައި 3.6 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ރިޕޯޓްގައި ވާގޮތުން 2017 ވަނަ އަހަރު ގެ މާރޗު މަހު 1.6 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ ޓެކްސް އާމްދަނީގެ ގޮތުގައި 1.1 ބިލިޔަން ރުފިޔާ އާއި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު 508 މިލިޔަން ރުފިޔާއެވެ. އަދި މާރިޗު މަހު ޚަރަދުގެ ގޮތުގައި 1.4 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެތެރެއިން 708 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވަނީ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އިނާޔަތް ދިނުމަށެވެ. އަދި އެޑްމިން ހިންގުމުގެ ޚަރަދުތަކަށް 386 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ކެޕިޓަލް ޚަރަދުގެ ގޮތުގައި 390 މިލިޔަން ހޭދަކޮށްފައި ވެއެވެ.
2017 ވަނަ އަހަރަށް ދައުލަތުގެ ބަޖެޓުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 26.8 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ.