އިހަވަންދޫގެ މަސްވެރިންގެ ގުޅުން (އިމަގު) އަކީ ތަފާތު އެކި ރޮނގު ރޮނގުން ފާހަގަ މުޅި ރާއްޖޭގައި ފާހަގަކޮށްލެވޭ ހީވާގި ޖަމްއިއްޔާ އެވެ. ރަށުގެ ތަރައްގީއަށް ފާހަގަކޮށްލެވޭ އެއްތަށް ހިދުމަތްތަކެއް ވަނީ ކޮށްދީފައި އެވެ. އަދި މިހާރުވެސް ދަނީ ކޮށްދެމުންނެވެ.
ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް އިމަގުން އަންނަނީ ރަށުގެ މިސްކިތްތަކުގެ އާބާތުރަ ފިލުވާ މިސްކިތްތަކުގައި ކުލަލުން ފަދަ ގިނަ މަސައްކަތްތަކެއް އިހަވަންދޫގެ ރައްޔިތުންނާއި ގުޅިގެން ކުރަމުންނެވެ. އެގޮތުން މިއަހަރުވެސް އިމަގުން އިސްނައިގެން ރައްޔިތުންނާއި ގުޅިގެން މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ ބޮޑު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
އެގޮތުން މިއަހަރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ނަސްރު މިސްކިތުގެ ކާޕެޓް އެޅުމާއި އެމިސްކިތުގައި އެއާކޯން ހަރުކުރުމަށް ހިނގާ މަސައްކަތް ބޮޑު މަޝްރޫއު އެވެ.
ކޭއޯއަށް މައުލޫމާތު ދެއްވަމުން އިމަގު ރައީސް މޫސާ އަލީ ވިދާޅުވީ ކޮންމެ އަހަރަކުވެސް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި މިއަހަރު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ ނަސްރު މިސްކިތުގައި ކާޕެޓް އެޅުމާއި އެ މިސްކިތް އޭސީ ކުރުމުގެ މަސައްކަތް ކަމަށެވެ.
” ކޮންމެ އަހަރަކުވެސް އަޅުގަނޑުމެން ނިންމާފަވާނީ ކޮންމެވެސް އެއް މިސްކިތެއްގައި ބޮޑު މަސައްކަތެއް ކުރަން އެގޮތުން މިއަހަރު ނަސްރު މިސްކިތުގައި ކާޕެޓް އެޅުމާއި އޭސީ ކުރުން ކުރިއަށް މިގެންދަނީ ” މޫސާ އަލީ ވިދާޅުވި އެވެ.
އޭނާ ބުނީ ނަސްރު މިސްކިތުގައި ހުރި ލައިޓްތައް ލެޑަށް ބަަދަލުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް ކުރިއަށްދާއިރު އެހެން މިސްކިތްތަކުގެ ހުރި ކުދި އާބާތުރަފިލުމުގެ މަސައްކަތްވެސް ކުރިއަށްދާން ކަމަށް މޫސާ އަލީ ބުންޏެވެ.
އެގޮތުން ތައުބާ މިސްކިތުގެ ވަށާފާރު ރޭނުމާއި އެ މިސްކިތުގައި އަތުރާފައި ހުރި ގާތަކުގައި ކުލައާއި ދަވާދުލުން މަސައްކަތްވެސް ކުރަންދާކަމަށް އޭނާ މައުލޫމާތުދިނެވެ. މިދިޔަ އަހަރު ތައުބާ މިސްކިތުގެ ސައުންޑް ސިސްޓަމެއް ވެސް އިމަގުން ބަހައްޓާފައިވެ އެވެ.
މިމަޝްރޫއުއަށް 6 ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށާއި މި މަސައްކަތައް އިހަވަންދޫގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެފަރާތް އޭނާ ޝުކުރުއަދާކުރެއްވި އެވެ.