ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފި އެވެ. ލަހެއް ފަހެއް ނެތި އެވެ. އަޅުގަނޑުމެންގެ ހަޔާތަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ މައްސަރެކެވެ. ހުރިހާ މުސްލިމުންވެސް އެމީހަކަށް ވީ ވަރަކުން އަޅުކަންތައްތައް އިތުރު ކުރެވޭތޯ ބަލައެވެ. އަޅުގަނޑުމެން އުފާކުރުން އައުލާކަން ބޮޑު ކަމެއް ނޫންތޯއެވެ. ނަމަވެސް ހިތާމައަކީ މި އުފާވެރި މައްސަރުގައި ރަނގަޅު ބަދަލުތަކެއް މީހުން ގެނެވޭތޯ މަސައްކަތް ކުރާއިރުވެސް ހަޖޫ ޖަހާލައި ފުރައްސާރަ ކޮށްލާ މީހުން ނިކަން ގިނަ ވާ ކަމެވެ. “ޕޮޒިޓިވިޓީ” ގެ ދަށުން އަދި ވިސްނޭނެ ކަމަށް ބަލަމާ ހިނގާށެވެ.
މީހަކު އިސްލާހުގެ މަގުން ފިޔަވަޅެއް އެޅުމަށް ފަސް ވަގުތު ނަމާދުގެ ޖަމާޢަތަށް އަރާނަމަ ކުރިމަތިވާ ނިކަން އާންމު ފުރައްސާރައަކަށް ބަލާލަން ހިނގާށެވެ. “ކަލޭ ކޮން އިރަކުތަ ޝެއިޚަކަށް ވީ؟ ކަލޭ މިހާރު ފާޅައަކަށް ވީ ދޯ؟”. ނިކަން ވިސްނާށެވެ! ނަމާދުގެ ޖަމާޢަތަށް ހާޒިރުވުމަކީ ކޮންމެ މުސްލިމު ފިރިހެނަކަށްވެސް ވާޖިބެކެވެ. ރޯދަ މަހަސް، ރޯދަ މަސް ނޫނަސް އޭގައި ތަފާތެއް ނެތެވެ. ނަމަވެސް އަޅުގަނޑުމެންގެ ނޭއްގާނީ ކަމުން ނުވަތަ އީމާންތެރިކަން ކުޑަކަމުން ނޭރެނީ އެވެ. ދެން ތިމާއަށް އަދި ނަމާދަށް އަރާލަން މަސައްކަތް ނުކުރެވޭ ހާލު އެހެން މީހުންނަށް ފުރައްސާރަ ކުރަނީ ކީއްކުރަންތޯ އެވެ. ތިބާވެސް ރަނގަޅު ބަދަލެއް އާދޭތޯ، ފުރަތަމަ ފިޔަވަޅު އެޅޭތޯ އަޅެ މަސައްކަތް ކުރާށެވެ. އަޅުގަނޑަށް ހީވާ ގޮތުން ތިބާއަށް އަދި ނުވިސްނެނީ އެވެ.
އަނެއްކާ އެހެން މިސާލެކެވެ. ރަމަޟާން މަހާ ދިމާކޮށް އެކި މީހުން ނަމާދު ގަޑިތަކުގެ ތަފްސީލް ހުންނަ ގަނޑުތައް ހަދައި، ބަހައި، ސޯޝަލް މީޑިއާގައި ޝެއާކޮށް ހަދަ އެވެ. މިގޮތަށް ޝެއާކުރަން ފެށުމުން މީހުންގެ ފުށުން އިވޭ ހަމަ ވަރަށް އާންމު ބަސްކޮޅެކެވެ. “ރޯދަ މަހު އެކަނިތަ ނަމާދު ކުރަން ޖެހެނީ؟” މިއީ އަޅުގަނޑަށް އެހާ މުހިއްމު ސުވާލެއް ނޫނެވެ. ނަމާދުކުރަން ޖެހެނީ ހަމައެކަނި ރަމަޟާން މަހަކު އެކަންޏެއް ނޫނެވެ. ނަމަވެސް، މި ބަރަކާތްތެރި މައްސަރު ގިނަ ބަޔަކު ނަމާދަށް ޖަމާއަތަށް ދިއުމަށް މަސައްކަތް ކުރެ އެވެ. އެހެންކަމުން މިފަދަ ފޮޓޯ ތަކާއި، ގަނޑުތައް މިއީ ހަމަ ގިނަ ބަޔަކަށް ނިކަން ފައިދާ ކުރާ ތަކެތި ކަން ފާހަގަ ކޮށްލަން ޖެހެއެވެ. ހަމަ އެ ފެންނަ ފޮޓޯ ގަނޑުން މީހަކު ނަމާދު ކުރުމަށް ހިތްވެސް ޖެހިދާނެ ނޫން ހެއްޔެވެ؟ އެހެނީ، ރަމަޟާން މަހު ނަމާދުކުރަން ފަށާ ބައެއް މީހުން އެގޮތުގައި ސާބިތުވާ ކަމީ ފެންނަން އޮތް ނުހަނު ބޮޑު ހަޤީޤަތެކެވެ.
ލިޔުން މާ ދިގުވީމާ ކިޔާ ހިތް ނުވެ ދާނެ އެވެ. އެހެންވީމާ މި ފަހަރަށް ކުރު ކޮށްލަން ހިނގާށެވެ. އަހަރެމެންގެ ތެރޭގައި “ރަމަޟާން އޮންލީ” މުސްލިމުންނާއި “ފުރައިޑޭ އޮންލީ” މުސްލިމުން ނުލާހިކު ގިނަ އެވެ. ކޮންމެ ގޮތެއް ވިޔަސް މިއީ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. އެފަދަ މީހުންނަކީ ހަޤީޤީ މުސްލިމުންނެއް ނޫނެވެ. ނަމާދަކީ ދީނުގެ ތަނބެވެ. ފަސް ވަގުތު ނަމާދު ނުކުރަންޏާ އޭނާ މުސްލިމަކަށް ނުވާނެ އެވެ. އެއީ ހަމަ އެންމެ “ބޭސިކް ލެވެލް” އެވެ. އެންމެ މުހިއްމު ކަމަކަށް ނަމާދުގެ ބައި ފުރިހަމަ ކޮށްލަން ހިނގާށެވެ. މި ރަމަޟާން މަހުގެ “ރިސޮލިއުޝަން” ގެ އެންމެ މުހިއްމު ބަޔަކަށް ފަސް ވަގުތު އެ ނަމާދުގެ ވަގުތުގައި އަދާ ކުރަން އަޒުމު ކުރަމާ ހިނގާށެވެ. އާންމު ދިރިއުޅުމުގައި ކުރާ ތަންކޮޅެއް އާދައިގެ ކަންކަން އިހަށް އެއްކައިރި ކޮށްލާފައި ނަމަވެސް އެންމެ ރަގަޅެވެ. މި ރޯދަ މަސް ނިމޭއިރު އެހެން ލެވެލް އަކަށް ފުންމާލާ މުސްލިމުންގެ ތެރޭގައި ހިމެނޭތޯ ބަލަން ވާނެ އެވެ.
ނިންމާލުމުގެ ކުރިން ދެން އޮތް މައުޟޫއު ގެ ވާހަކަ ވެސް ހާމަކޮށްލާނަމެވެ. ދެން “ޕޮޒިޓިވް” މައުޟޫގެ ދަށުން ގެނެސް ދެވޭތޯ މަސައްކަތް ކުރާނީ ޝުކުރު އަދާކުރުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާ ގެނެސްދެވޭ ލިއުމެކެވެ. ﷲ ގެ އިރާދަފުޅާއެކު އެ ލިޔުންވެސް މާ ލަސް ނުކޮށް ގެނެސް ދޭނަމަވެ. މާތް ﷲ އަޅުގަނޑަށާއި ތި އެންމެހާ މުސްލިމުންނަށް މި ރަމަޟާން މަހަކީ ހެޔޮކަމުން ފުރިގެންވާ މައްސަރެއް ކަމުގައި ލައްވައި، ލައިލަތުލް ޤަދުރި ވިލޭރޭގެ މާތްކަން މިންވަރު ކޮށްދެއްވާށިއެވެ. އަދި މި މަހުގައި ފާފަ ނުފުއްސެވޭ އަބާއްޖަވެރިންގެ ތެރެއިން އަޅަމެން ނުލައްވާށިއެވެ. އާމީން.