ވިއްސާރަވެ ދިރާގު ނެޓްވޯކަށް ދިމާވި މައްސަލައަކާ ގުޅިގެން ކުޅުދުއްފުށީގައި ހުރި ބީއެމްއެލްގެ 3 އޭޓީއެމްގެ ހިދުމަތް މެދުކެނޑި، ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.
އޭޓީއެމްތަކުން ހިދުމަތް މެދުކެނޑިފައި ހުންނަތާ 2 ގަޑިއިރަށްވުރެ ގިނައިރުވެފައިވާކަމަށް އެތަނުންގައި ތިބި މީހުން ބުނެ އެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ އޮފިޝަލަކު ވިދާޅުވީ އޭޓީއެމްތަކުގެ ހިދުމަތް މެދުކެނޑުނީ ވިއްސާރަވުމުގެ ސަބަބުން ދިރާގު ނެޓްވޯކްގެ ހިދުމަތް މެދުކެނޑުމުން ކަމަށެވެ. ހުރިހާ އޭޓީއެމްތަކުގައިވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަލުން މިހާރު 3 އޭޓީއެމްއަށްވެސް ހިދުމަތް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށްވެފައިވާ އަދި ހޮނިހިރު ބާޒާރު އޮންނަ ދުވަސްވެސްކަމުން ބޮޑުތިލަދުންމަތީގެ ގިނަ ރަށްތަކަކުން ކުޅުދުއްފުއްޓަށް އެކި ބޭނުންތަކަށް މީހުން ޖަމާވެފައިވަނިކޮށް، އޭޓީއެމްތަކުގެ ހިދުމަތް މެދުކެނޑި ފައިސާ ނުނެގުމުން ރައްޔިތުން ތިބީ ރުޅިގަދަވެފައި އެވެ.
ރެ އާއި މިއަދުވެސް ކުޅުދުއްފުށީ ސަރަހައްދަށް ދަނީ ބޯކޮށް ވާރޭވެހެމުން ނެވެ.