ކޮންމެ އަހަރުވެސް ރޯދައަށް ސައުދީއިން ރާއްޖެއަށް އަންނަނީ ހިލޭ ކަދުރު ފޯރުކޮށްދެމުންނެވެ. ރޯދަ މަސް ފެށޭއިރު ރޯދައަށް ބަހާ ކަދުރު އޮންނަނީ ގޭބިސީތަކަށް ލިބިފަ އެވެ. ނޫނަމަ އަތޮޅުތަކާ ހަމައަށް ފޯރާފަ އެވެ. ނަމަވެސް މިއަހަރު ރޯމަސް ފެށުނުއިރުވެސް ބޮޑުތިލަދުންމަތީގެ ރަށްތަކާއި ހަމައަށް ހިލޭ ބަހާ ކަދުރު ފޯރާވަރު ވަނީ ނުވެފަ އެވެ.
ރޯދަ ފެށެން އެއްދުވަހަށް ވެފައިވާ ވަނިކޮށް ކަދުރާއި ހަވާލުވުމަށް މާލެ އައުމަށް ކައުންސިލްތަކަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފަ އެވެ. އެއީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ކަދުރާ ހަވާލުވުމަށް އަންގާފައވަނީ ސީދާ ރަށު ކައުންސިލްތަކަށެވެ.
އެހެން އަހަރުތަކުގައި އެއަތޮޅެއްގެ އަތޮޅު ކައުންސިލުން އެއަތޮޅަށް ލިބޭ ކަދުރުކޮޅު ބަލާ މާލެ ގޮސް އެސްޓީއޯ ގުދަނުން ނެރެ، މަޖޫރީނަށް ރުފިޔާ ދީގެން ބޯޓަށް ނާލުދީގެން އެ އަތޮޅެއްގެ ރަށްރަށަށް ފެރީ ނިޒާމްގެ ތެރެއިން ކަދުރު ފޮނުވަ އެވެ. މިދިޔަ ދެ އަހަރުވެސް ރޯދަ މަސް ފެށޭއިރު ރަށްރަށާއި ހަމައަށް ކަދުރުކޮޅު ފޯރަ އެވެ.
މިއަހަރު ބަހަން ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާއިންނާއި ޔުނައިޓަޑް އަރަބި އެމިރޭޓްސްގެ ރާއްޖޭއަށް ހަދިޔާކުރި ކަދުރެވެ.
މިއަހަރު އަރަބި ގައުމުތަކުން ހަދިޔާކުރި ކަދުރު ބެހުމަށް ހަމަޖެހިފައިވާނީ ގޭބިސީއަކަށް ޕެކެޓެއްގެ މަގުންނެވެ.
ރާއްޖެ އަށް 50 ޓަނުގެ ކަދުރު ސައޫދީ އަރަބިއްޔާ އިން މިއަހަރު ހަދިޔާކުރެއްވީ މިދިޔަ މެއިމަހުގެ ފުރަތަމަ ހަފްތާތެރޭގަ އެވެ.