twitterviber whatsapp telegramfacebookyoutube instagram
29th March 2024

ރާއްޖެތެރެމީހާ ވިއްކާ އެތިކޮޅެއް ވީމާ ވާ ގޮތެއް ދެއްތޯ؟

May 28, 2017

ރޯދަ މަހާ ދިމާކޮށް ދިވެހިން އާންމުކޮށް ބޭނުންކޮށް އުޅޭ ބައެއް ތަކެތީގެ އަގު ބޮޑުވާ ކަމީ ކޮންމެ އަހަރަކުވެސް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ. އަދި ވަކިން ހާއްސަކޮށް ދަނޑުވެރިކަމުގެ ބާވަތް ތަކުގެ އަގު އުފުލިގެންދެ އެވެ. ހިތާމަ ހުރި ކަމެކެވެ. މިކަން މިގޮތަށް ދިމާވަނީ  ސަރުކާރުން މިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާތީކަން ޔަޤީނެވެ. ހާއްސަކޮށް އަހަރަން އަހަރަށް މިކަން ބޮޑުވަމުން އައި އިރު ފިޔަވަޅު ނާޅާ އޮތުމަކީ މި މައްސަލަ ހައްދުން ނެއްޓެން ދިމާވި މައިގަނޑު ސަބަބުކަން ޔަޤީނެވެ.

މި އަހަރު މިހާރު އެންމެ ވައިގަ ހިފައި އެންމެ މަޝްހޫރުވެފައިވާ ވާހަކަ އަކީ ކާށީގެ ވާހަކަ އެވެ. މާލޭގެ ބާޒާރުގައި ކާއްޓެއްގެ އަގު މި ވަނީ 50 ރުފިޔާއާ ހިސާބަށް އުފުލިފަ އެވެ. ފުކެއް ބޮޑުވަރެވެ. އެއް ފަހަރުން މުއްސަނދިވާން މަސައްކަތް ކުރިޔަސް މިއޮތީ ހަމައިން ނެއްޓިފަ އެވެ. ދިވެހިންގެ ކެއުމުގެ އެންމެ އާންމު ބާވަތުގެ އަގު މިހާ ހިސާބަށް އުފުލިގެން ދިއުމަކީ ހަމަ ސަރުކާރު ފެއިލް ވެފައިވާ ކަމުގެ މިސާލެކެވެ. ބައެއް ބޭފުޅުން ބުނާ ވާހަކަ އެވެ. ހުރިހާ ކަމެއް ސިޔާސީ ނުކޮށްލާށެވެ. ސިޔާސީ ނުކޮށްލާ ނުވީމާ ޖެހޭނީ ސިޔާސީ ވެސް ކުރާށެވެ.

މިހާރު ކުއްލިއަކަށް ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. ވަރަށްވެސް “އަންއެތިކަލް” ފިޔަވަޅުތަކެކެވެ. ދުރާލާ ވިސްނުމެއް ނެތްކަމުގެ ލާ މަސީލު ނަމޫނާ ތަކެވެ. ދުރު އަމާޒޭ ކިޔައިން ޔަޤީނުންވެސް އެ މަންޒިލަށް ދާނަމޭ ކިޔައިން އުޅުނަސް އަދި އެ ތަނެއް ނުފެނެ އެވެ. މިނިސްޓަރު ވަނީ ކުއްލިއަކަށް ބޭނުން މީހަކަށް ވަކި ޝަރުތުތަކެއް މަތިކޮށް ފަޅުރަށްތައް ދޭން ފަށާފަ އެވެ. އަދި މި ބުނެވުނީ ރަނގަޅަކަށް ނޫނެވެ. ހިލޭ ބަހަން ފަށާފަ އެވެ. ޝަރުތަކީ ކާއްޓެއްގެ އަގު 7 ރުފިޔާއަށްވުރެ ބޮޑު ނުވާނޭ ގޮތަށް ވިއްކުމެވެ. ރައްޔިތުންގެ މުދާ އެއްވެސް އަގަކާ ނުލައި ވަކި ބަޔަކަށް ދީ ވަކި ބަޔެއް ލައްވާ ވިއްކަނީ އެވެ. ކޮރަޕްޝަނަށް ހުޅުވިގެންދިޔަ އިތުރު ދޮރެކެވެ. ކުރިއަށް ރާވައި ރަށްތައް ބިޑަށްލާ ދޫކޮށް އެ ރަށްތަކުން ގެންނަ ތަކެތި ކޮންޓްރޯލް އަގުގައި ވިއްކަން ހުޅުވާލިނަމަ މިފަދަ ފިޔަވަޅެއް އަޅަން ޖެހުން ދުރުވީސްކަން ޔަޤީނެވެ.

ދެން އޮތީ އަނެއް ވާހަކަ އެވެ. ސަރުކާރަށް އެއްޗެއް އަގު ބޮޑުވި ކަމުގެ އިހްސާސްވި ވާހަކަ އެވެ. ރާއްޖެތެރޭ މީހާ އެކަން ކުރީމާ ވާނީވެސް އެހެންނެވެ. މާލޭގެ ގެދޮރުގެ ކުލީގެ އަގު ދުވަހެއް ދުވަހަކަށް އުފުލެމުން ދިޔައިރު އެކަން ކޮންޓްރޯލް ކުރުމުގެ ފިޔަވަޅެއް އަޅަން ހިޔާލުވެސް ނުކުރެ އެވެ. ނުވިތާކަށް އެކަމާ ދެކޮޅަށް ބަހެއް ބުނެލާނެ އިސްވެރިއެއް ވެސް ފެނިފައެއް ނެތެވެ. މާލޭ މީހާ ވީމާ ތޯއްޗެ އެވެ؟ މާލޭގައި ދިރިއުޅުމަކީ ރައްޔިތު މީހާއަށް ފަސޭހަ ގޮތެއް ނޫނެވެ. އެހެން ގޮތެއް ނެތިގެން ދަނީ އެވެ. ގޮސް ގަނަ ތެޅެނީ އެވެ. މާލޭގައި ތޮއްޖެއްސުމަށް ތި ގެންގުޅޭ ސިޔާސަތު ދޫކޮށްލާށެވެ. އަދި ގެދޮރުގެ އަގާއި ބިމު ކުލީގެ އަގުވެސް ކޮންޓްރޯލް ކުރަން ފިޔަވަޅު އަޅާށެވެ. ރާއްޖެތެރެއިން ގެންދާ ކާއްޓެއްގެ އަގު ބޮޑުވެގެން ޕޮލިސީތަކަށް ބަދަލު ގެނެސް ފިޔަވަޅު އަޅާހެން އެހެން ކަންކަމަށްވެސް ފިޔަވަޅު އަޅާށެވެ.

ދަނޑުވެރި މީހާ ވެސް އެއް ފަހަރުން މުއްސަނދިވާން މަސައްކަތް ކުރީމާ އަދި ކަމަކު ނުދެ އެވެ. ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ ބޮޑު ކުލި ދައްކައި ނުވިތާކަށް ބޮޑު އަގުގައި އެހެނިހެން ތަކެތި ގަނެގެން އުޅޭ ރާއްޖެ ތެރޭ މީހާ އަށެވެ. މިކަން މިގޮތަށް ބާއްވާފައި އެޔަށްވުރެ ބޮޑަށް ސަރުކާރުން ގެންގުޅޭ ތަފާތު ކުރުމުގެ ގޮތްގަނޑު ދޫކޮށްލަން ޖެހެ އެވެ. ވަކި ބަޔަކު ކުރީމާ ނުފެނިފައި އަނެއް ބަޔަކު ކުރީމައި ފެންނަ ބައި ދޫކޮށްލާށެވެ. ދުރާލާ ކަންކަން ރާވައި، ގޯސްކޮށް ހުންނަ ކަންކަން ތަކުރާރު ނުވޭނޭ ފަދަ ގޮތަކަށް ފިޔަވަޅުތައް އަޅަން ޖެހެ އެވެ. ބަނޑަށް ވައި އެރީމާ ތެޅިގަންނަހެން ތެޅިގަނެފައި އަޅާ ފިޔަވަޅުތައް މަދު ކުރަން ޖެހެ އެވެ. ޕޯޑިއަމްތަކަށް އަރާ ކަނޑާ ފޮންޏާއި ބުރުވާ އަޅިތައް މަދުކޮށް އަމަލުން އެއްޗެއް ދެއްކޭތޯ ބަލާބަލާށެވެ. ވައުދުގެ ކަޑަ ޖަހާ މައި އަހަރު އައިސް ބޯމަތިވުމުގެ ކުރިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355