ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ތަފާތު ބޮޑުކޮށް ޔުވެންޓަސް ބަލިކޮށް ރިއަލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި އެވެ. މިއީ ރިއަލް މެޑްރިޑުން ޔޫރަޕްގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި 12 ވަނަ ފަހަރެވެ.
ރިއަލް މެޑްރިޑުން ރޭގެ މެޗު 4-1 އިން ކާމިޔާބުކުރިއިރު ރޮނާލްޑޯ ވަނީ ދެ ލަނޑު ޖަހާފަ އެވެ. މެޗު ފެށިގެން ޔުވެންޓަސް އިން ރަގަޅަށް ކުޅެމުން ގޮސްފައިވީ ނަމަވެސް ރޮނާލްޑޯ ވަނީ މެޗުގެ 20 ވަނަ މިނެޓްގައި ކަރްވަހާލްއާ ގުޅިގެން އުފެއްދި ހަމަލާއެއްގައި ލީޑު ނަގާފަ އެވެ. ކަރްވަހާލް ޕެނަލްޓީ އޭރިޔާ ތެރެއަށް ތިރިތިރިން ހުރަސް ކޮށްލި ބޯޅައެއް ރޮނާލްޑޯ އެއްފަހަރުން ޖަހާ ފޮނުވާލިއިރު ޔުވެންޓަސްގެ ބޮނުއްޗީ ފައިގައި ޖެހި ޑިފްލެކްޓްވުމުން ބުފޮންއަށް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. މި ލަނޑާއެކު ރޮނާލްޑޯ ވެފައިވަނީ ތަފާތު ތިން ޗެމްޕިއަންސް ލީގު ފައިނަލެއްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށް ވެފަ އެވެ.
މި ލަނޑު ޖެހިތާ މާ ގިނައިރެއް ނުވެ ޔުވެންޓަސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މިއީ މާރިއޯ މަންޑޫޒުކިޗް އޯވަހެޑް އަކުން ކާމިޔާބުކުރި ވަރަށް ރީތި ގޯލެކެވެ.
ރިއަލްއިން އަލުން ލީޑު ނެގީ މެޗުގެ 61 ވަނަ މިނެޓްގައި ކަސެމީރޯ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ޕެނަލްޓީ އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ސެމީ ކެދީރާގެ ފައިގައި ޖެހި ޑިފްލެކްޓް ވެގެން ވަން ލަނޑެކެވެ.
ރިއަލް އިން ވަނީ މެޗުގެ 64 ވަނަ މިނެޓްގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުން ލީޑު ފުޅާކޮށްފަ އެވެ. މިއީ ލޫކާ މޮޑްރިޗު ގޯލު ކުރިމައްޗަށް ވާ ކަހަލަ ގޮތަކަށް ހުރަސް ކޮށްލި ބޯޅައަކުން ރޮނާލްޑޯ ޖެހި ލަނޑެކެވެ. މިއީ ރޮނާލްޑޯގެ ކެރިއަރުގެ 600 ވަނަ ލަނޑެވެ. މި ލަނޑާއެކު 11 ލަނޑު ޖަހައިގެން ޓޮޕް ސްކޯރާ ގެ މަޤާމް ހޯދިއިރު މިއީ ރޮނާލްޑޯ ވިދިވިދިގެން މި މަޤާމް ހާސިލްކުރި 5 ވަނަ ފަހަރެވެ. އަދި މިއީ ރޮނާލްޑޯ ވިދިވިދިގެން 10 ލަނޑަށްވުރެ ގިނައިން ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި 6 ވަނަ ސީޒަނެވެ.
ޔުވެންޓަސް އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ 85 ވަނަ މިނެޓްގައި ޔުވެންޓަސްގެ ކުއަޑްރާޑޯ ސާޖިއޯ ރާމޯސްގެ ގައިގައި އަތްލުމުން ޑައިވްކުރުމުން ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދެއްކުމުންނެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޔުވެންޓަސްގެ އުއްމީދުތައް ފެނަށްވީ، 90 ވަނަ މިނެޓްގައި މާސެލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެސެންސިއޯ ލަނޑު ޖަހާ ނަތީޖާ 4-1 ބަދަލުކޮށްލުމުންނެވެ.
މިއީ ރިއަލް އިން 4 އަހަރު ތެރޭ ކާމިޔާބުކުރި 3 ވަނަ ޗެމްޕިއަންސް ލީގެވެ.