ފިތުރު އީދުނަމާދު ބޮޑު ޖަމާއަތެއްގައި ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދޭނެ ފަރާތެއް ހޯދުމަށް ކައުންސިލުން އިއުލާން ކޮށްފި އެވެ.
އާ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ސޮއެކުރައްވާ ނެރުއްވި އިއުލާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ފިތުރު އީދު ނަމާދު ޒޯންސްޓޭޑިއަމްގައި ބާއްވަން ބޭނުންވާތީ އީދު ނަމާދު ސްޓޭޑިއަމްގައި ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11 ޖޫން ގެ 13:45 ގެ ކުރިން އެ އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްފަހު 14 ޖޫން ގެ 13:45 ގެ ކުރިން އަންދާސީ ހިސާބު ހުށައެޅުމަށް އިއުލާނުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން މައުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ވެއިފަރާތް ނޫން އެހެން ފަރާތެއް ހާޟިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެނައުމަށް ވަނީ އެދިފައެވެ.
އަދި މައުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ނޭރުވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
ކުޅުދުއްފުށީގައި ހުސް ބިމެއްގައި އީދު ނަމާދު އެންމެ ފުރަތަމަ ކުރީ 2014 ވަނަ އަހަރުގެ ފިތުރު އީދު ނަމާދެ އެވެ. މީގެ ކުރިން އީދު ނަމާދު ސްޓޭޑިމްގައި ކުރަމުންދަނީ އަމިއްލަ ފަރާތެއް އިސްނަގައިގެންނެވެ.