twitterviber whatsapp telegramfacebookyoutube instagram
19th April 2024

ހިތާމަވެރި ހާދިސާއެއް ހިނގައިފާނެ، ގޭގެގައި ހުންނަ ދިގު ރުއްތައް ކަނޑާކަށް ނުވޭ ތަ ؟

Jun 9, 2017

ތަފާތުއެކި ބޭނުންތަކަށް އެންމެ ކުރިންސުރެއް ދިވެހިން އަންނަނީ ގޯތިތެރޭގައި ހުންނަ ހުސް ޖާގައި ރުއް އިންދަމުންނެވެ. ކާއްޓާއި ކުރުނބާގެ އިތުރުން ރުކުގެ ޒަރީއާއިން އެތައް ފައިދާތަކެއް ލިބެއެވެ. މިހެން އިންދާފައިހުރި ގިނަ ރުއްތަކަކީ މީގެ އެތަށް އަހަރެއް ކުރިން އިންދާފައިވާ ރުއްތަކެކެވެ. ދުވަސްވެ މުސްކުޅިވެފައި ހުރި ރުއްތަކެކެވެ. ރުއްތައް ދިގުވެގެން ގޮސް 60 ފޫޓަށް ވުރެ އުހަށް ހުންނަވަރުގެ ރުއް އަދިވެސް ކުޅުދުއްފުށީގެ ގޭގެތަކުގައި އެބަހުއްޓެވެ.

މިފަދަ ދިގު ރުއްތަށް ގޭގެ ގޯތިތެރޭގައި ބެހެއްޓުން ރައްކާތެރިއެއް ނޫނެވެ. ވައިގަދަ ވިއްސާރަ މޫސުމްތަކުގައި މިފަދަ ދިގު ރުއް ވެއްޓި މީހުންގެ ގެދޮރަށާއި މުދަލަށް އަންދާޒާވެސް ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންވެފައިވާކަން މާޒީގައި ހިނގާފައި ހުރި ހާދިސާތަކުން އެނގެ އެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައިވެސް ކުޅުދުއްފުށީގައި މިފަދަ ހާދިސާ ހިނގާފައިވެ އެވެ. ރޭގަނޑުގެ ވަގުތުގައި އައި ވަރުގަދަ ކޮޅިގަނޑެއްގައި ގެއެއްގެ ތެރޭގައި ހުރި ދިގު ރުއްކެއް ވަނީ ވެއްޓިފަ އެވެ. ނަސީބު ކަންދިމާކުރި ގޮތުން އެހާދިސާގައި މުދަލަކަށްވެސް އެއްވެސް މީހަކަ ގެއްލުމެއް ވެފައެއް ނުވެ އެވެ.

މީހުން ދިރިއުޅޭ ގޯތިތަކުން ނޫންނަސް އާއްމުކޮށް މީހުން ނުކުމެ އުޅޭ މައިދާންތަކުގައިވެސް މުސްކުޅިވެފައިވާ ދިގު ރުއް އެބަހުއްޓެވެ. އެހެން ހުރެފައި ވެއްޓޭނީ ކާކުގެ ބޮލަށްކަމެއް ނޭނގެ އެވެ. މިހާރުވެސް ވައިގަދަވެ މޫސުމް ގޯސްވެއްޖެނަމަ ރުއް، ގަސް ހުންނަ ނުވަތަ ގެއާ ޖެހިގެން ހުންނަ ގޯތިގައި ހުންނަ ރުކަކުން ވެދާނެ ގެއްލުމަކަށް ބިރުން އުޅޭ އެތަށް ބަޔަކު އެބައުޅެ އެވެ.

ގޭގެ އާއި ރައްޔިތުންނަށް ނުރައްކާވާ ފަދަ ގޮތްގޮތަށް ހުންނަ ދިގު ރުއް ކެނޑުމާއި ބެލެހެއްޓުމުގެ ގަވައިދެއް ކައުންސިލަކު ނެތެވެ. މީހަކަށް އުނދަގުލެއް ވެގެން އެފަދަ ރުކެއް ކަނޑައި ދިނުމަށް ކައުންސިލަށް ޝަކުވާކުރުމުން ކައުންސިލުން އެފަދަ މައްސަލަތައް ހައްލުކުރަނީ އެ ގެއެއްގެ ވެރިފަރާތުގެ ކިބައިން ރުއް ކަނޑާލަ ދިނުމަށް އެދިގެންނެވެ. ބައެއް ހާލަތުގައި ރުކުގެ ސަބަބުން އުނދަގޫވާ ފަރާތުން ރުކުގެ ވެރިފަރާތްތަށް ފައިސާ ދީގެ ކަނޑާފަވެސް އެބަހުއްޓެވެ. އަދި ދެ ބައި މީހުން ވާހަކަ ދައްކައިގެން ވެސް މައްސަލަ ހައްލުކުރެ އެވެ. ނަމަވެސް ވެރި ފަރާތް ރުއް ކެނޑުމަށް އެއްބާރުލުން ނުދީފި ނަމަ ނުވަތަ ނުކަނޑައިފިނަމަ އެކަން ކުރެވޭނެ ގޮތެއް ނޯވެ އެވެ. އެއީ އެފަދަ ގަވައިދެއް ހެދިފަ ނެތީމަ އެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރަކު ވިދާޅުވީ ދިގު ރުއް ގޯތިތެރޭގައި ހުރުމަކީ ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށެވެ. ” ރުކެއް އެހެން ހުރެ ބިއްދައިގެންދާނެ ވަގުތެއް ނޭނގޭ. މީގަ ފަރުދީ ޒިންމާވެސް ބޮޑު. އެފަދަ ދިގު ރުއް ނުބެހެއްޓުން ކައުންސިލުން އެދެން. މިފަދަ ކަންކަމުގައި ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާނަގައިގެން ދިގު ރުއްތައް ކެނޑުން ” ކައުންސިލަރަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރުވެސް ގެއެއްގައި ހުރި ދިގު ރުކަކުން ޖެހިގެން ހުރި ގެއަށް އުނދަގޫވެގެން މައްސަލައެއް ހުށަހެޅިފައިވާ ކަމަށާއި އެމައްސަލަވެސް ހައްލުނުކުރެއްވިގެން އުޅެނީ ރުކުގެ ވެރިފަރާތުން އެއްބާރުލުން ނުދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.

“ކޮންމެ މީހަކަށްވެސް އެނގެން ޖެހޭނެ 40 ފޫޓްގެ ރުކެއް ހުރުމާއި 70، 80 ފޫޓްގެ ރުކެއް ހުރުމާއި ވަރަށް ތަފާތު އެވަރުވީމަ ދެން އެއީ ވަރަށް ދިގުވީ، މުޅި ގަސްކަރަ އެއްވަރަށް ހުންނަ އެއްޗަކަށް ވުރެ ގަސްކަރައަށް ވުރެ މައްޗަށް އަރާފައި ހުންނަ ރުއްކެއްގައި ވައިވެސް ގަދައަށް އަޅާނެ ނޫންތޯ” އޭނާ ވިދާޅުވި އެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ  ހަދަމުންދާ މަގުތަކުގެ ތެރެއިން މަގު މައްޗަށް ހުންނަ ރުއްތައް ކަނޑަން މިހާރު އަންގަމުންދާ ކަމަށެވެ.

މުސްކުޅިވެފައި ހުންނަ އެފަދަ ދިގު ރުއް ކެނޑެން ޖެހޭނެ އެވެ. ކައުންސިލުން އެފަދަ ގަވާއިދެއް ވީހާވެސް އަވަހަކަށް ހަދައި އެފަދަ ކަންކަމުން ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355