މި އަހަރުގެ ފިތުރު އީދު ބަންދާ ގުޅިގެން މި މަހުގެ 28 އަދި 29 އަކީ ވެސް ސަރުކާރު ބަންދު ދެ ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ބުނެފިއެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމުގައި ބުނެފައިވާ ވަނީ މި ޖޫން މަހުގެ 25 ވާ އާދީއްތަ ދުވަހަކީ ސައްވާލް މަހުގެ އެއްވަނަ ދުވަސް ކަމަށް ކަނޑައަޅުއްވައިފިނަމަ، މި ޖޫން މަހުގެ 28 ވާ ބުދަ ދުވަހާއި، 29 ވާ ބުރާސްފަތި ދުވަސް ހަމަޖެހިގެންދާނީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަމަށެވެ.
އަދި އެގޮތަށް މި ހަމަޖެއްސެވީ ފިތުރު އީދާ ގުޅިގެން ޗުއްޓީގައްޔާއި އަދި އެ ނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ ކަމަށާއި އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ލިބޭ ގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.
އެގޮތަށް ހަމަޖެހުމުން ހަފުތާ ބަންދު ދެ ދުވަސް (ހުކުރު، ހޮނިހިރު) ހިމަނައިގެން ބަންދަށް ހަ ދުވަސް ލިބޭނެ އެވެ. އަދި އީދު ބަންދަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުގައި ކަމަށް ރައީސް އޮފީހުގެ ދެންނެވުމުގައިވެ އެވެ.