ކުއްލި ހާލަތްތަކުގައި މަސައްކަތްކުރާނެ ގޮތާއި ބެހޭގޮތުން ފުލުހުންނާއެކު ކުޅުދުއްފުށީ ކައުންސިލުން މަޝްވަރާކޮށްފި އެވެ.
އަންގާރަދުވަހު ގުރުއާނާއި ބެހޭ މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި ރަށު ކައުންސިލްގެ މެންބަރުންނާއި ކުޅުދުއްފުށީ ފޮލިސް ސްޓޭޝަންގެ އިންޖާޖް އިބްރާހިމް އަބްދުލްހަކީމް އަދި ފުލުހުންގެ ބައެއް ބޭފުޅުން ބައިވެރިވެފައި އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން ވިދާޅުވީ މި ބައްދަލުވުމަކީ ކުއްލި ހާލަތްތަކުގައި ކައުންސިލުންގެ ފަރާތުން ރައްޔިތުންނަށް އެހީވެދިނުމަށާއި އަލަށް ހޮވުނު ކައުންސިލަރުންނާއި ފުލުހުންގެ ތައާރަފްވުމަށް ބޭއްވި ބައްދަލުކޮށްލެވުމެއް ކަމަށެވެ.
އަދި މި ބައްދަލުވުމުގައި ވާހަކަ މަޝްވަރާކޮށްފައި ވަނީ ވިއްސާރަ ދުވަސްވަރު ދިމާވެދާނެ ކުއްލި ހާލަތްތަކުގެ ތެރޭގައި މަގުމަތީގައި ފެންބޮޑުވުން ނުވަތަ ދޯނި ފަރަށް އެރުން ފަދަ ކަންކަމުގައި ކައުންސިލުންގެ ފަރާތުން ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާ ބެހޭ ގޮތުން ކަމަށް އަބްދުލްލަތީފް ވިދާޅުވި އެވެ.
އަލަށް އިންތިހާބުވި ކައުންސިލަރުން ދަނީ ކުޅުދުއްފުށީގައި ބައެއް މުވައްސަސާތަކާ ބައްދަލުކުރައްވަމުންނެވެ.