ކުޅުދުއްފުށީ ސަރަހައްދުގައި އަންނައުނުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާގެ ކުރަމުން އަންނަ ޕެންޓަގުރާމް ފިހާރައަށް 4 އަހަރުވުމުގެ މުނާސަބަތުގައި ހާއްސަ މިއުޒިކް ޝޯ އެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
” ފެންޓަގުރާމް 4 ވަނަ އަހަރީ ދުވަހުގެ” ނަމުގައި ބާއްވާ މި ހާއްސަ ޝޯގައި ޕާފޯމް ކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ފުރަތަމަ ބުރުން 3 ވަނަ ހޯދި އިޝާން އާއި މޯލްޑިވިއަން އައިޑޮލްގެ ދެވަނަ ބުރު ގިނަ ޒުވާނުންތަކެއް ސަމާލުކަން ހޯދި އިޝާން ކޮއްކޮ ހިޝާން އެވެ.
ބާބަކިއުއާއެކު މި ޝޯ އޮންނާނީ ޕެންޓަގުރާމް ފިހާރަ ކައިރީގައި މިމަހު 26 ވަނަ ދުވަހުގެ ރޭ އެވެ.
ޕެންޓަގުރާމް ފިހާރައިގެ އޯނަރު އަބުދުﷲ މާހިރު ބުނީ މިއަހަރުގެ ޝޯ ވަރަށް ވަރުގަދަވާނެ ކަމަށާއި ޝޯ ގެ ކަންކަން އިންތިޒާމްކުރުމުގެ ކަންތައްތަކަށްވެސް މާލެއިން ހާއްސަ ޓީމެއް އަންނާނެ ކަމަށް މާހިރު ބުންޏެވެ.
މާހިރު ބުނީ ކައިރި ރަށްރަށުން ޝޯ ބަލަން އަންނަ ފަރާތްތަކުން، 30 މީހުންނަށްވުރެ ގިނަ މީހުން އެކުލެވޭ ނަމަ އެ ބަޔަކަށް ޝޯ ބަލަން ކުޅުދުއްފުއްޓަށް އައުމުގެ ދަތުރާއި ކެއުން ޕެންޓަގުރާމް ހަމަޖައްސައިދޭން ކަމަށެވެ.
މާހިރު ބުނީ މި ޝޯގައި އިޝާންގެ ބޭންޑްގެ ފުރަތަމަ އަލްބަމް ރިލީޒްކުރުންވެސް އޮންނާނެ ކަމަށެވެ.
މީގެ ކުރީގެ އަހަރުތަކުގައިވެސް ޕެންޓަގުރާމުން މިފަދަ ފޯރިގަދަ ޝޯ ތައް ވަނީ ބާއްވާފަ އެވެ.