އިޙްލާޞް ޤުރުއާން ކުލާހުގެ ފުރަތަމަ ޓާމްގެ ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު އިއްޔެ ބާއްވައިފި އެވެ
ތިލަދެކުނު ސިނަމާގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަތީފް ހަސަން އެވެ.
އިޙްލާޞް ޤުރުއާން ފުރަތަމަ ޓާމު އިމްތިޙާނު 272 ދަރިވަރަކު ވަނީ ބައިވެރިވެ، 51 ދަރިވަރަކު އޭ ސްޓްރ ހޯދި އެވެ. އަދި 94 ދަރިވަރުން ވަނީ އޭ ރިޕޯޓް ހޯދާފަ އެވެ.
މި ރަސްމިއްޔާތުގައި އިޚްލާޞް ޤުރްއާން ކުލާހުގެ މަރްޙަލާ ކުލާސްތަކުން، ކޮންމެ ކުލާހަކުން 1 ވަނަ ދެވަނަ އަދި 3 ވަނަ ދަރިވަރަށާއި، ޔޫކޭޖީ އިން ދަށުގެ ކްލާސްތަކުން އެންމެ މޮޅު 5 ދަރިވަރަށާއި، ގްރޭޑް 1 އާއި 3 އާ ދެމެދުގެ ކްލާސްތަކުން އެންމެ މޮޅު 5 ދަރިވަރަށާއި، ގްރޭޑް 4 އިން މަތީގެ ކްލާސްތަކުން އެންމެ މޮޅު 5 ދަރިވަރުންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވެ އެވެ.
އިޚްލާޞް ޤުރްއާން ކުލާސް ވުޖޫދު ވީއްސުރެ ކޮންމެ އަހަރަކު ވެސް ޓާމަކު އެއްފަހަރު ނަތީޖާ ފާޅުކޮށް އިނާމު ދޭ އެވެ.
މިރަސްމިއްޔާތުގައި އެ ކުލާހުގެ 4 ވަނަ ޤުރްއާން މުބާރާތް 2017 އޯގަސްޓު މަހުގެ ތެރޭ ބާއްވާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ. އަދި ހަމައެއާއެކު، އިޚްލާޞް އިންވެސްޓްމެންޓުގެ އިޖްތިމާޢީ ޒިންމާގެ ދަށުން މުޅި ކުޅުދުއްފުށްޓަށް ހުޅުވައިލައިގެން ބާއްވާ މަދަޙަ މުބާރާތެއް ވެސް މި އަހަރުތެރޭ ބާއްވަން ނިންމާފައިވާ ކަމަށް ވެސް އިއުލާން ކޮށްފައިވެ އެވެ.
މި ރަސްމިއްޔާތުގައި އިޚްލާޞް ޤުރްއާން ކުލާހުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވި އެވެ.
އިޚްލާޞް ޤުރްއާން ކުލާހަކީ، 2014 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން، ހއ. އިހަވަންދޫ، ފުނަމާގެ، މޫސާ މާހިރުގެ މަސްޢޫލުވެރިކަމުގެ ދަށުން ވަރަށް ކާމިޔާބުކަމާއެކު ހިންގަމުންދާ ޤުރްއާން ކުލާހެއްކެވެ.