twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސްއިން ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއް ގާއިމްކޮށްފި

Jun 11, 2017

އުރީދޫ މޯލްޑިވްސް އާއި ޔޫއެންޑީޕީ މޯލްޑިވްސް އިން ގައުމީ ތަރައްގީ އަށް މަސައްކަތް ކުރުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރުގަދަ ކުރުމަށާއި އިޖްތިމާއީ އުދެއްދުންތެރިކަން އިތުރު ކުރުމުގެ މަޤްސަދުގައި ސްޓްރެޓީޖިކް ޕާޓްނާޝިޕް އެއް ގާއިމްކޮށްފިއެވެ.

މި އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ މިއަދު ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަންގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގެ ދަށުން މިއަދު ހުޅުމާލޭގައި ސްމާޓް ސިޓީޒް ޕްރޮޖެކްޓްވެސް ފަށާފައެވެ.

މި ޕްރޮޖެކްޓް އަކީ އުފެއްދުންތެރި ސްމާޓް ސޮލިއުޝަންތަކެއް މެދުވެރިކޮށް ދިރިރުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އިސްނަގައިގެން ކުރާ މަސައްކަތެއްކަމަށާއި މިގޮތުން މި ޕްރޮޖެކްޓް ކުރިއަށްގެންދާނީ ހުޅުމާލެ ސްމާޓް ސިޓީއެއް ގޮތުގައި ތަރައްގީކުރަމުންދާއިރު ތައާރަފްކުރެވޭ ހުރިހާ ޓެކްނޮލޮޖީތަކާއި ސްމާޓް ހައްލުތަކަކީ ހުޅުމާލޭގެ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން ފޯރުކޮށްދެވޭ ހިދުމަތްތަކެއްކަން ޔަގީންކުރުމާއި އެކު ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން މިއަހަރު ތެރޭގައި ކުރުމަށް ރޭވިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލޭގެ މުޖުތަމައު ތެރޭގައި އިތުރަށް ގުޅުން ބަދަހިކޮށް އިޖްތިމާއީ ރޫހު އާލާކުރުން އަދި އޯޕަން ޑޭޓާ މެދުވެރިކޮށް ހުޅުމާލެ ތަރައްގީކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުންވެސް ހިމެނެއެވެ.

މީގެ އިތުރުން ޔޫއެންޑީޕީ އާއި ގުޅިގެން މިފަދަ ޓެކްނޮލޮޖީތައް މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުން ބާރުވެރިކޮށް އިތުރު ފުރުސަތުތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރުމީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް ކަމަށާއި އަޅުގަނޑުމެންގެ އަމާޒަކީ ޓެކްނޮލޮޖީ މެދުވެރިކޮށް ރައްޔިތުންގެ ހަޔާތަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުން ކަމަށް އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވިއެވެ.

މި ޕާޓްނާޝިޕް ރަސްމީކުރުމަށްޓަކައި އުރީދޫ އާއި ޔޫއެންޑީޕީ އިންވަނީ 27 އޭޕްރިލް ގައި ހާއްސަ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ. ސްމާޓް ސިޓީޒްގެ ހަރަކާތްތަކުގެ އިތުރުން މިންތީގެ ހަމަހަމަކަން ގާއިމްކޮށް އަންހެންބޭފުޅުން ބާރުވެރިކުރުމުގެ އިތުރުން މޮބައިލް ޓެކޮނޮލޮޖީ މެދުވެރިކޮށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މި އެއްބަސްވުމުގެ ދަށުން އުރީދޫ އާއި ޔޫއެންޑީޕީ ރާއްޖޭގައި މަސައްކަތް ކުރާނެއެވެ.

މިއަދު ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން، ޔޫއެންޑީޕީ ރެސިޑެންޓް ކޯޑިނޭޓަރ އަދި ރާއްޖޭގައި ޔޫއެންޑީޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވްގެ މަޤާމުގައި ހުންނެވި ޝޯކޯ ނޯޑާ އަދި އެޗްޑީސީގެ އިސްވެރިން ބައިވެރިވިއެވެ.

މި އެމްއޯޔޫ އާއި އެކު އިންސާނީ ތަރައްގީ އާއި ދެމެހެއްޓެނިވި ކުރިއެރުމަށްޓަކައި ކުރީއްސުރެ އުރީދޫ އާއި ޔޫއެންޑީޕީ މޯލްޑިވްސް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެއެވެ. މިގޮތުން 2016 ވަނަ އަހަރު މި ދެކުންފުނި ވަނީ މިޔަހެލި ނަމުގައި ރާއްޖޭގެ ފުރަތަމަ ސޯޝަލް އިނޮވޭޝަން ކޭމްޕް ހިންގާފައެވެ. މި ޕްރޮގްރާމްގެ ދަށުން ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމުގައި ދިމާވާ އިޖުތިމާއީ ބައެއް މައްސަލަތައް ހައްލުކުރެވޭނެ ގޮތްތަކެއް ހޯދުމަށް ރާއްޖޭގެ އެކިހިސާބުތަކުގައިވާ ޒުވާން ކުދިންގެ ހުށަހެޅުންތަކުގެ ތެރެއިން ތިން ހުށަހެޅުން ތަރައްގީކުރުމަށްޓަކައި ވަނީ ހޮވިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355