– ލިއުނީ: މައުއޫން ޝަރީފް –
އިސްލާމީ ދަޢުވަތުގެ މަސައްކަތްކުރައްވާ ފަރާތްތަކަށް:
ތިމަސައްކަތުގައި ކުރިއަރާދާށެވެ. ކާމިޔާބުގެ އަހްލުވެރީންނަކީ ތިއީއެވެ.
މި މަޢުޟޫގެ ދަށުން މިގެނެސްދެނީ ﷲ އަށް ހިތްނިޔަތް ޚާލިޞްކޮށް، ރަސޫލާ صلى الله عليه وسلم ދެއްކެވި މަގުން، އިސްލާމީ ދަޢުވަތުގެ މަސައްކަތުގައި އެކިގޮތްގޮތުން ޝާމިލުވެ، އުޅުއްވާ ފަރާތްތަކަށް ހުޅުވާލެވިފައިވާ މެސެޖެކެވެ. ހިތްވަރުދިނުމުގެ ބަސްކޮޅެކެވެ. ކުރިއަށްދިޔުމުގެ ރޫޙްއާލާކޮށް، އިތުރު ޖޯޝްގެނުވައިދޭފަދަ ޢިބާރާތްކޮޅެކެވެ.
އިސްލާމީ ދަޢުވަތުގެ މަސައްކަތްކޮށް، މިދީނުގެ ތަޢުލީމު ފެތުރުމަށް މަސައްކަތްކުރުމުގެ އަޖުރު މަތިވެރިކަމުގެ ވާހަކަ ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެފައިވެއެވެ. މޫރިތި ސުންނަތުގައި މިރޮނގުން އެތައް ހަދީޘެއް އައިސްފައިވެއެވެ.
ކަންމިހެންއޮތްއިރު، އެ ފެތުރޭ މަޢުލޫމާތަކީ ރަނގަޅު ޞައްޙަ މަޢުލޫމާތުތޯ ބެލުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެއިތުބާރު ހިފޭ ރަނގަޅު ޢިލްމުވެރިންނާއި އެފަދަ ބޭފުޅުންގެ ވެބްސައިޓާއި ބްލޮގް އަދި ޢިލްމީ ދަރުސްތަކާއި ވަޢުޡު ނަސޭހަތް މީސްތަކުންނާއި ހަމައަށް ފޯރު ކޮށްދިނުމާއި ފެތުރުމަށް މަސައްކަތް ކުރުމަކީ ހެޔޮވެގެންވާ ޞަދަގާތެކެވެ. ދަރުމަގިނަގުނަވެގެންވާނެ ކަމެކެވެ.
ހެޔޮ ކަންކަމަށް ޢަމުރުކޮށް ނުބައިކަންތައްތައް ނަހީކުރާމީހުންނަކީ ކާމިޔާބުގެ އަހުލުވެރިންކަމުގައި ބަޔާންކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٠٤﴾
ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.
[3:104]
قال رسول الله صلى الله عليه وسلم: (مَنْ دَلَّ عَلَى خَيْرٍ فَلَهُ مِثْلُ أَجْرِ فَاعِلِهِ), (صحيح مسلم, 133 – 1893).
މާނައަކީ: ” ހެޔޮ ކަމަކަށް މަގު ދައްކައިފި މީހަކަށް އެކަން ކުރާ މީހާއަށް ލިބޭ ފަދަ އަޖުރާއި ޘަވާބު ހުއްޓެވެ
މިސާލަކަށް ތިމާ ފޭސްބުކުގައި ޝެއަރކޮށްފައިވާ ޕޯސްޓެއްފެނި މީހަކު ދަމުނަމާދުކުރަންފަށައިފިނަމަ، ތިމާއަށް ދަމުނަމާދުކުރުމުގެ އަޖުރު ލިބެމުންދާނެއެވެ. ތިމާ މަރުވުމުން މި އަޖުރުތައް ލިބުން ތިބާއަށް ހުއްޓުނީކީނޫނެވެ. އަދި ކިއެއްތަ، ފައިދާހުރި ޢިލްމު ތިބާ ފަތުރާފާވާނަމަ، އެކަމުގެ އަޖުރު ތިމާ މަރުވުމަށްފަހުވެސް ލިބެމުންދާނެއެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ހަދީސްކުރައްވާފައިވެއެވެ.
إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ . رواه مسلم/1631 .
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އެހެންހުރިހާ ގޮތަކުން އޭނަގެ ޢަމަލުތައް ކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް (ފައިދާ ދެމިގެންވާ ވަޤްފެއް) ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށް ޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްމެނުވީއެވެ.
قال رسول الله صلى الله عليه وسلم: (لأَنْ يَهْدِيَ اللَّهُ بِكَ رَجُلًا خَيْرٌ لَكَ مِنْ أَنْ يَكُونَ لَكَ حُمْرُ النَّعَمِ), (رواه البخاري, 3009).
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ.
”ތިބާ މެދުވެރިކުރައްވާ ﷲ ތަޢާލާ އެންމެ މީހަކަށް ތެދުމަގު ދެއްކެވުންވެސް، ގިނަ އަދަދެއްގެ ރަތް ޖަމަލުތަކެއް ލިބުމަށްވުރެ ހެޔޮކަން ބޮޑެވެ.”
*ރަތް ޖަމަލަކީ އެޒަމާނުގެ އެންމެ އަގުހުރި މުދާތަކުގެ ތެރެއިން އެއްމުދަލެވެ.
ހެޔޮ ކަމަކަށް މަގުދެއްކުމުން ޘަވާބު ގިނަގުނަ ވާފަދައިން ނުބައި ކަމަކަށް މަގުދައްކައި އެހީވުމުން ފާފަވެސް އިތުރުވެއެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ..
((وَمَنْ سَنَّ فِي الْإِسْلَامِ سُنَّةً سَيِّئَةً كَانَ عَلَيْهِ وِزْرُهَا وَوِزْرُ مَنْ عَمِلَ بِهَا مِنْ بَعْدِهِ مِنْ غَيْرِ أَنْ يَنْقُصَ مِنْ أَوْزَارِهِمْ شَيْءٌ )). [صحيح مسلم، ج 5، ص 198]. މާނައަކީ: “އިސްލާމްދީނުގައި ނުބައި ކަމެއް ފަށައިފި މީހަކަށް އެކަން ކުރުމުގެ ފާފައާއި އެކަން ކުރާ މީހުންގެ ފާފަ އެމީހުނަށް އުނިވުމަކާއި ނުލައި ލިބޭނެއެވެ.”