twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްޕޯޓްސް ކޮމްޕްލެކްސް އާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުޅުދުއްފުށީގެ ބައެއް ޒުވާނުން ކައުންސިލްއާ ބައްދަލުކޮށްފި

Jun 14, 2017

ކުޅުދުއްފުށީގައި އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސް އާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުޅުދުއްފުށީގެ ކުޅިވަރަށް ލޯބިކުރާ ބައެއް ޒުވާނުން ކައުންސިލްއާ ބައްދަލުކޮށްފި އެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މި ސްޕޯޓްސް ކޮމްޕެލްކްސް އާ ގުޅޭގޮތުން ޒުވާނުންގެ މެދުގައި ހުރި ކަންބޮޑުވުންތައް ކައުންސިލްއާ ހިއްސާކުރުމެވެ. މި ބައްދަލުވުމުގެ ބައިވެރިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ މި ސްޕޯޓްސް ކޮމްޕްލެކްސްގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ފަދަ ގޮތަކަށް ތައްޔާރު ނުކުރެވޭ ކަމުގެ ޝަކުވާ އެވެ. އެގޮތުން ބާސްކެޓް، ނެޓްބޯޅަ، ވޮލީބޯޅަ، ބެޑްމިންޓަން ފަދަ ކުޅިވަރުތައް އެއް ކޯޓަކުން ކުޅެލެވޭ ފަދަ ޖާގައެއް މިހާރު ބިނާ ކުރުމަށް ހަމަޖެހިފައިވާ ސްޕޯޓްސް ކޮމްޕްލެކްސްގައި ނެތްކަން ބައިވެރިން ވަނީ ފާހަގަ ކޮށްފަ އެވެ.

125 ފޫޓް ދިގު 52 ފޫޓް ފުޅާ މި އިމާރާތުގެ މަސައްކަތް މި ޖޫންމަހުގެ 10 ވަނަ ދުވަހު ފެށިއިރު، މި އިމާރާތުގައި ހިމެނެނީ ބިލިޔާޑާއި، ބެޑްމިންޓަން ކޯޓަކާއި، ޖިމްއެއްގެ އިތުރުން ސެމިނާ ހޯލަކާއި އޮފީހެއްކަމަށް މަޢުލޫމާތު ލިބެއެވެ.

މި ބައްދަލުވުމުގައި ކައުންސިލުގެ ފަރާތުން ވަނީ ބައިވެރިންގެ ޝަކުވާތައް ބަލައިގަނެ، މިނިސްޓްރީއަށް އެ ހިޔާލުތައް ރައްދު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފަ އެވެ. އަދި، ރަށަށް އަންނަ މިފަދަ ޕްރޮޖެކްޓްތަކުގެ ކުރެހުމާއި ބީއޯކިއު ކައުންސިލްއަށް ނުލިބޭކަން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މި އިމާރާތުގެ މައުލޫމާތުވެސް ކައުންސިލްއަށް ލިބުނީ މި މަހުގެ 10 ވަނަ ދުވަހު މި މަސައްކަތް ފެށުމުން އެ މަސައްކަތް ކުރާ ސަރަހައްދަށް ގޮސް ބެލުމުން ކަމަށް ކައުންސިލްގެ ފަރާތުން މައުލޫމާތު ދިނެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ޒުވާނުންނާ ގުޅިގެން މިފަދަ ޕްރޮޖެކްޓްތަކާ ގުޅޭގޮތުން ހިޔާލު ހޯދައި ކުރިއަށް ގެންދާނެ ކަމުގެ ޔަޤީންކަން ކައުންސިލުން ވަނީ އަރުވާފަ އެވެ.

މިއަދުގެ ބައްދަލުވުމުގައި ކުޅުދުއްފުށީގެ ބައެއް ބާސްކެޓް ކުޅުންތެރިންނާއި، ވޮލީ ކުޅުންތެރިންނާއި، ނެޓްބޯލް ކުޅުންތެރިންގެ އިތުރުން ބެޑްމިންޓަން ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355