މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ކުޅުދުއްފުއްޓާއި ދިއްދޫގެ މަގުތައް ނިންމާލެވޭނެކަމަށް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން( އެމްއާރުޑީސީ) ބުނެފި އެވެ.
އެމްއާރުޑީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ ޕްރޮޖެކްޓް ހެޑް މުހައްމަދު ޝަރީފް ވިދާޅުވީ އެމްއާރުޑީސީން ކުރަމުންގެންދާ މަގު ހެދުމުގެ މަސައްކަތުގެ ދަށުން އެންމެ އަވަހަށް ނިންމާލެވޭނީ ކުޅުދުއްފުއްޓާއި ހއ ދިއްދޫގެ މަގުތަކުގެ މަސައްކަތް ކަމަށާއި އެގޮތުން އެ ދެ ރަށުގެ މަސައްކަތް މިއަހަރުގެ އޯގަސްޓްމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އެކުންފުނިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ ރަށްރަށުގެ މަގު ހެދުން ކަމަށާއި އެގޮތުން 10 ރަށުގެ މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކުޅުދުއްފުށީގެ މަގުތަކުގެ ތާރުއެޅުމުގެ މަސައްކަތް ފެށުމަށްޓަކައި މިހާރުކުރަމުންދަނީ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެގޮތުން މަގުތައް ލެވެލް ކުރުމުގެ މަސައްކަތްދަނީ ކުރިއަށެވެ.