ބިދޭސީންއާ ގުޅޭ ގޮތުން ހއ އިހަވަންދޫ ކައުންސިލުން ނިންމި ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުނެފި އެވެ.
ިހަވަންދޫ އައިސް ޕްލާންޓްގެ ތެރޭގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައިވާ އޮއްވާ މިދިޔަ ހުކުރުދުވަހު ފެނުނު އިސްމާއިލްގެ މަރާ ގުޅިގެން އެރަށު ކައުންސިލުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.
އެގޮތުން ރޭގަނޑުގެ 10 ގެ ފަހުން ބިދޭސީން ގެއިން ބޭރަށް ނިކުމެ އުޅުން ވަނީ މުޅިން މަނާކޮށްފަ އެވެ. އަދި ހުކުރު ދުވަސްތަކުގެ މެންދުރުފަހު 2:00 އާއި ހަވީރު 5:00 އާ ދެމެދު ނޫނީ ބޭރަށް ގުރޫޕް ހަދައިގެން ނިކުމެ އުޅުމާއި ކައުންސިލްގެ އިހުތިސޯސް އޮންނަ އެއްވެސް ސަރަހައްދެއްގައި ބިދޭސީން މަސްވެރިކަމުގެ މަސައްކަތްތައް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އަދި ވަލަށް ވަދެ، ކާށި ހޮވުމާއި ދަރު ހޮވުން ވެސް މަނާކޮށްފައިވާއިރު އެ ސަރަހައްދަށް ކުނި އުކަން ފިޔަވައި އެހެން ބޭނުމެއްގައި ދިޔުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކައުންސިލުން ނިންމި ހަރުކަށި ގަވައިދުތަކާއި ގުޅިގެން ގިނަ ބަޔަކު ޝޯސަލް މީޑިއާގައި އެކައުންސިލަށް ދަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.
އިހަވަންދޫ ކައުންސިލްގެ މި ނިންމުމާއެކު އެލްޖީއޭއިން ވަނީ އެއީ ގާނޫނީގޮތުން ބާތިލް ނިންމުމެއްކަމަށް ކަނޑައަޅަފަ އެވެ. އަދި ރަށުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން ކުރިއަށްގެންދާކަަމަށް އެލްޖީއޭއިން ވަނީ ހާމަކޮށްފަ އެވެ.