twitterviber whatsapp telegramfacebookyoutube instagram
20th April 2024

ރަށް ތަރައްގީކުރަން ލިބުނު ފުރުސަތުގެ ބޭނުންނުކޮށް ފާޑުކިޔަން ތިބުމުގެ ހައްގެއް ނެތް: އައިމިނަތު

Jun 23, 2017

ރަށުގެ ކަންކަން ރަނގަޅުކުރަން ފުރުސަތު ލިބި، އެފުރުސަތުތަކުގެ ބޭނުންނުކޮށް، ދެން ދުރަށް ގޮސް ފާޑުކިޔަން ތިބުމުގެ ހައްގެއް އެފަދަ މީހުންނަށް ނެތްކަމަށް ޖަލާލުއްދީން ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޖަލާލުއްދީން ސްކޫލުގެ މަތީ ސާނަވީ އިންތިހާނުގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަދައްކަވަމުން އައިމިނަތު ވިދާޅުވީ ތައުލީމް ހޯދުމަށް ފަހު ރަށަށް ހިދުމަތް ކުރުމުގެ ފުރުސަތުތަކުގެ ބޭނުން ހިފާ އެކަމުގައި މަސައްކަތް ކުރާނެކަމަށް އުންމީދުކުރާ ކަމަށެވެ. އަދި ރަށުގައި ހުރި ޒިންމާދާރު އިސް މަގާމުތަކުން އެދަރިވަރުން ފެނުމަކީ ވަރަށް ބޭނުންވާ ދުވަހެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު ވިދާޅުވީ ރަށް ތަރައްގީކޮށް ކުރިއެރުވޭނީ އިސް މަގާމުތަކަށް އައިސް، އެފުރުސަތުތަކުގެ ބޭނުން ހިފައިގެން ގޮންޖެހުންތަކާ އެކު ކުރިއަށް ގޮސްގެން ކަމަށެވެ. ރަށް ތަރައްގީކުރަން ލިބޭ ފުރުސަތުގެ ބޭނުން ނުކޮށް ދެން ދުރަށް ގޮސް ފާޑުކިޔަން ތިއްބަށްކަސް ރަށް ތަރައްގީއެއް ނުކުރެވޭނެ ކަމަށެވެ.

ރަށުގައި ހުރި އިސް މަގާމުތަކަކަށް ދާކަށެއް އެއްވެސް މީހަކު ބޭނުންމެއް ނުވާ ކަމަށާއި ހުރިހާ އެންމެންވެސް ބޭނުންވަނީ ފާޑުކިޔަން ތިއްބެންކަމަށެވެ.

“ކޮބާހޭ އެމީހުންނަށް އޮތް ހައްގަކީ ފާޑުކިޔުން، އެކަންތައްތައް ރަނގަޅުކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުކޮށް ދެން ކޮބާހޭ ފާޑުކިޔުމުގެ ބޭނުމަކީ” ޖަލާލުއްދީން ސްކޫލުގެ ޑ. ޕްރިންސިޕަލް ވިދާޅުވި އެވެ.

އައިމިނަތު  ވަނީ އެފަދަ ބަޔަކަށް ނުވުމުން ދަރިވަރުންނަށް ނަސޭހަތްތެރިވެލައްވާފަ އެވެ. މަތީ ތައުލީމް ހާސިލްކުރެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355