twitterviber whatsapp telegramfacebookyoutube instagram
18th April 2024

އިހްލާސް ޤުރުއާން ކުލާހުގެ 4 ވަނަ ޤުރުއާން މުބާރާތުގެ އެއްވަނަ އިނާމަކަށް އުމްރާ ދަތުރެއް !

Jul 5, 2017

2014 ވަނަ އަހަރުން ފެށިގެން ކުޅުދުއްފުށީގައި ފުޅާ ދާއިރާއެއްގައި ޤުރްއާނުގެ ޢިލްމު އުނގަންނައިދިނުމަށް މަސައްކަތް ކުރަމުންދާ އިޚްލާޞް ޤުރްއާން ކުލާހުގެ 4 ވަނަ ޤުރްއާން މުބާރާތުގެ ސީނިއަރ ކެޓަގަރީން އެއްވަނައަށްދާ ފަރާތްތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖައްސައިފި އެެވެ.

މިއަހަރު އޯގަސްޓްމަހު 25 އިން 26 އަށް ބައްވާގޮތަށް ހަމަޖައްސާފައިވާ މި މުބާރާތުގައި 2 ކެޓަގަރީއެއް ހިމަނާފައިވެ އެވެ. އެއީ ސީނިއަރ ކެޓަގަރީ އާއި ޖޫނިއަރ ކެޓެގަރީއެވެ. ޖޫނިއަރ ކެޓެގަރީގައި ހިނެނެނީ 16 އަހަރުން ދަށުގެ ޢުމުރުފުރާތަކެވެ. ސީނިއަރ ކެޓަގަރީގައި ހިމެނޭނީ 19 އަހަރުން މަތީގެ ޢުމުރުފުރާތަކެވެ. އެ ކުލާހުގައި ހިންގާ ޤާރީ ކޯސްތަކުގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް މި މުބާރާތުގެ ސީނިޔާ ކެޓެގަރީގައި ވާދަކުރެވޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.

އިހްލާސް ޤުރުއާން ކުލާހުގެ ހެޑްމާސްޓަރު މޫސާ މާހިރު މިއަދު ކޭއޯއަށް ވިދާޅުވީ އަންނަ އޯގަސްޓްމަހު ބާއްވަން ހަމަޖައްސާފައިވާ، އިޚްލާޞް ޤުރްއާން ކުލާހުގެ 4 ވަނަ ޤުރުއާން މުބާރާތުގެ ސީނިއާރ ކެޓަގަރީން އެއްވަނައަށްދާ ދަރިވަރަށް ޢުމްރާ ދަތުރެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ އުމްރާ ދަތުރުގައި އުމްރާއަށް ދިއުމުގެ ފުރުޞަތު ލިބޭނީ އަންނަ އަހަރުގެ ރަމްޟާންމަހު ކަމަށް މާހިރު ވިދާޅުވި އެވެ.

ޖޫނިއަރ ކެޓަގަރީން އެއްވަނައަށްދާ ދަރިވަރަކަށް ފަސްހާސް ރުފިޔާގެ ފައިސާ އިނާމު ހުށަހެޅިފައިވާއިރު އިތުރު ވަނަތަކަށް ވެސް އިނާމާއި ޓްރޮފީ ދިނުމަށް ހަމަޖެހިފައިވެ އެވެ. މާހިރު ވިދާޅުވީ ދެ ކެޓަގަރީން ވެސް ޚާއްޞަ ވަނަތަކަށްދާ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ޙަވާލުކުރެވޭނެ ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު 2017 ޖުލައި 13 ވަނަ ދުވަހުގެ ރޭ 22:30 ގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި ޢިޙްލާސް ޤުރުއާން ކުލާހުގެ މަރްޙަލާ ކުލާސްތަކުގައި ކިޔަވާ ދަރިވަރުންނަށާއި، ޤާރީ ކޯސްތަކުގައި ކިޔަވާ ދަރިވަތުންނަށެވެ.

ކުޅުދުއްފުށީގެ ތާރީޚުގައި އެންމެ ފުރަތަމަ ފަހަރަށް ޑިޖިޓަލް ސެޓަޕް ބޭނުންކޮށްގެން ޤުރްއާން މުބާރާތް ބާއްވަން ފަށާފައިވަނީ ވެސް އިޚްލާޞް ޤުރްއަން ކުލާހުގެ ފަރާތުންނެވެ.

މީގެ އިތުރުން މިހިނގާ 2017 ވަނަ އަހަރުގެ ތެރޭގައި، މުޅި ކުޅުދުއްފުށްޓަށް ހުޅުވާލައިގެން ފެންވަރު ރަނގަޅު މަދަޙަ މުބާރާތެއް ބޭއްވުމުގެ މަސައްކަތް ވެސް ކުރަމުންދާކަމަށް މޫސަ މާހިރު ވަނީ ވިދާޅުވެފައެވެ.

މި ކުލާހުގެ މަރްޙަލާ ކުލާސްތަކާއި، ޤާރީ ކޯސްތަކުގައި މިހާރު 668 ދަރިވަރުން ރަޖިސްޓްރީވެ ކިޔަވަމުންދާކަން ފާހަގަކުރެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355