ކުޅުދުއްފުށީ ޓީމަށް ސަޕޯޓްކޮށް، ހިތްވަރުދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް ކުޅުދުއްފުށީ ޓީމުން އެދެފި އެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި މާދަމާ ކުޅުދުއްފުއްޓާއި ދެކޮޅަށް ނިކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ވަރުގަދަ އޭދަފުއްޓެވެ.
ކުޅުދުއްފުށީ ޓީމްގެ ކޯޗު މުހައްމަދު ދާއޫދު ކޭއޯއަށް މައުލޫމާތު ދެމުން ބުނީ މިދިޔަ ފަހަރުތަކުގައިވެސް ޓީމަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ ސަޕޯޓަރުންގެ ފަރާތުން ކަމަށާއި މާދަމާގެ މެޗަށްވެސް ވީހާވެސް ގިނަ ސަޕޯޓަރުން ވަދެ، ޓީމަށް ހިތްވަރުދިނުމަށް އެދުނެވެ.
“ސަޕޯޓަރުންގެ އެއްބާރުލުން ލިބިޖެއްޔާ މޮޅުވެގެން އިރާދަކުރެއްވިއްޔާ ފައިބާނީ. މިދިޔަ ފަހަރުތަކުގައިވެސް އެންމެ ބޮޑު ހިތްވަރަކީ ސަޕޯޓަރުން. ޓީމަށް އޮތް އެންމެ ބޮޑު ކިކަކީވެސް ސަޕޯޓަރުން” ކުޅުދުއްފުށީ ޓީމްގެ ކޯޗު ބުންޏެވެ.
ކޯޗު ބުނީ ޓީމް އޮތީ މާދަމާގެ މެޗަށް ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި އަނިޔާގެ ކުދިކުދި މައްސަލަތައް ހުރި ނަމަވެސް ޖުމްލަކޮށް ހުރިހާ ކުޅުންތެރިންވެސް ފިޓް ކަމަށެވެ.
އެއްވެސް ޓީމެއް ދެކެ ޖެހިލުމެއް ނުވާކަމަށާއި ނިކުންނަނީ އިދިކޮޅު ޓީމް ހިފަހައްޓާފައި ކުޅެން ކަމަށެވެ. އޭނާ ބުނީ ޓީމް އޮތީ އެއް އަޒުމެއްގައި އެއް ރޫޙެއް މޮޅުވުމަށް ކަމަށެވެ.