twitterviber whatsapp telegramfacebookyoutube instagram
24th May 2025

ހަވާލުވާތާ ފުރަތަމަ 6 މަސް ތެރޭގައި ސީޓީ ސްކޭނާއި އެމްއާރުއައިގެ ހިދުމަތް ފެށިގެންދާނެ: އެންއައިއައި

Jul 6, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހަވާލުވާތާ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ސީޓީ ސްކޭނާއީ އެމްއާރުއައިގެ ހިދުމަތް ފެށިގެންދާނެކަމަށް އެހޮސްޕިޓާ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިޔާގެ، ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ބުނެފި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކޮށް ހިންގަން ހަވާލުކޮށްފައިވަނީ ދިވެހިން އާއްމުކޮށް ފަރުވާ ހޯދަމުން އަންނަ އިންޑިޔާގެ ނިމްސް ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަނޭޝަނަލްއާ އެވެ.

ކޭއޯއަށް ދެއްވި ހާއްސަ އިންޓަވިއުގެ ނޫރުލް އިސްލާމް އިންޓަރޭޝަނަލް ކުންފުނީގެ ބޯޑްގެ ޑިރެކްޓަރެއްކަމަށްވާ އަލީ އުސައިދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލާ ރަސްމީކޮށް ހަވާލުވަނީ މިމަހު 10 ވަނަ ދުވަހު ކުޅުދުއްފުށީގައި ބާއްވާ ރަސްމިއްޔާތެއްގަކަމަށެވެ. ހޮސްޕިޓަލާ ހަވާލުވާތާ ފުރަތަމަ ނުވަދިހަ ދުވަހުގެ ތެރޭގައި ސީޓީ ސްކޭން އާއި އެމްއާރުއައިގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކަމާ ބެހޭ ހުރިހާ ޕްލޭންތައް ކުރެވި މިހާރު ނިމިފައިވާ ކަމަށެވެ.

“އަޅުގަނޑުމެން މިހާރު ނިންމާފައިވާނީ ފަށައިގަނެގެން ފުރަތަމަ ނުވަދިހަ ދުވަހުގެ ތެރޭގައި ސީޓީ ސްކޭންގެ ހިދުމަތްދޭ ފަށަން. ހަމައެއާއެކު ހަ މަސް ދުވަހުގެ ތެރޭގައި އެމްއާރުއައިގެ ހިދުމަތްވެސް ދޭން ފަށާނަން. އެކަމާ ބެހޭ ހުރިހާ ޕްލޭންތައްވެސް ކުރެވި މިހާރުވަނީ ނިމި، ބައެއް މަސައްކަތްތައް ހިންގަމުންދަނީ.” އުސައިދު ވިދާޅުވި އެވެ.

އުސައިދު ވިދާޅުވީ ފުރަތަމަ ފަށާނީ އާ ފަސް ޑޮކްޓަރުންނާއެކުގައި ކަމަށާއި ސްޕެޝަލިސްޓުންގެ ހިދުމަތްތައް ފެށޭނީ އިމާރާތުގެ ބައެއް ކަންތައްތައް ރަނގަޅުކޮށްގެން ކަމަށެވެ. އަދި އޭގެ އިތުރުން ޖެނެޓިކް ލެބޯޓަރީއަކާއި ތެލެސީމީއާ ސެންޓަރެއް ގާއިމްކުރާނެކަމަށް އުސެއިދު ވިދާޅުވި އެވެ.

“އަޅުގަނޑުމެން ފުރަތަމަ ފަށައިގަންނަ އިރުވެސް ފަށާނީ އާ ފަސް ޑޮކްޓަރުންނާއެކުގައި ސްޕެޝަލިސްޓުންވެސް ރެޑީގައި އެބަ ތިއްބެވި އެކަމަކު އެބޭފުޅުންގެ ހިދުމަތް އަޅުގަނޑުމެންނަށް ފެށޭނީ ތަނުގެ ފެސިލިޓީސްތަކާއި އެއްޗެހި ރަނގަޅުކޮށްގެން” އުސައިދު ވިދާޅުވި އެވެ.

ޑިވެލޮޕްމެންޓް ޕްލޭނާއި ޓައިމް ލައިނާ އެއްގޮތަށް އިތުރު ބަދަލުތައް ގެންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

އާސަންދައިގެ ދަށުން ލިބޭ ހުރިހާ ހިދުމަތްތަކެއް މިހާރެކޭ އެއްގޮތަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕްރައިވެޓް ބައެއް ހޮސްޕިޓަލުތަކުން ނަގައި ޕްރިމިއަމް ޗާޖް ކުޅުދުއްފުށީ ހޮސްޕިޓަލުން ނުނަގާނެކަމަށާއި އަގު ނަގާނީ މިހާރުވެސް އާސަންދައިން ކަވަރުނުކުރާ ހިދުމަތްތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ އުސައިދު ވިދާޅުވީ ޓާޝަރީ ފެންވަރަށް ބަދަލުވެގެންދާއިރު ތަނުގެ މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް ޕްރޮގުރާމްތަކެއް ރޭވިފައިވާ ކަމަށެވެ. އަދި ސިވިލް ސާވިސްގެ ވަޒީފާގައި ތިބި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް ދިމާވާ ސަބަބަކުން މުވައްޒަފަކު ވަކިކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނީ ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ކަމަށް އުސައިދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލަކީ އައިޖީއެމްއެޗް ފިޔަވައި ރާއްޖޭގެ އެންމެ ގިނަ ރައްޔިތުން ހިދުމަތް ހޯދާ ސަރުކާރު ހޮސްޕިޓަލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355