ކުޅުދުއްފުށީގައި ހިންގާ ބެސްޓްބަޑީ ފިހާރައިން އަމީރު އަމީން ސްކޫލަށް 13000 ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.
ބެސްޓްބަޑީ ފިހާރައިން އެ ސްކޫލަށް ހަދިޔާކޮށްފައިވަނީ ޑިޖިޓަލް ޕޯޑިއަމް އަކާއި 3 ފޮތް އަރެވެ.
އަމީރު އަމީން ސްކޫލުގައި މިކަމަށްޓަކައި މިރޭ ބޭއްވި ހަފްލާއެއްގައި މިތަކެތި ހަވާލުކޮށްދެއްވީ ބެސްޓްބަޑީގެ އޯނަރު އިބުރާހިމް ރަޝީދެވެ. ތަކެއްޗާއި ހަވާލުވެލެއްވީ އެސްކޫލުގެ ޕްރިންސިޕަލް އައިޝަތު މުހައްމަދެވެ.
ބެސްޓްބަޑީ އިން ހަދިޔާކުރި ޑިޖިޓަލް ޕޯޑިއަމް–
މިހަފްލާގައި ވާހަކަދައްކަވަމުން އައިޝަތު ވިދާޅުވީ މީގެ ކުރިންވެސް ބެސްޓްބަޑީ އެސްކޫލަށް ގިނަ އެހީތަކެއް ވެދެއްވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގެ ބެސްޓްބަޑީ ފިހާރައިން އެސްކޫލަށް ތަކެތި ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލަރު އަލީ ހާޝިމް ވިދާޅުވީ މިއީ އެހެން ވިޔަފާރިވެރިން ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށާއި ސްކޫލެއް އެންމެ ރަނގަޅަށް ހިންގޭނީ ވިޔަފާރިވެރިންގެ އެހީތެރިކަމާއެކު ކަމަށެވެ. މިހަފްލާގައި އެސްކޫލުގެ މުވައްޒަފުންނާއި ޕީޓީއޭގެ މެމްބަރުން ބައިވެރިވެލެއްވި އެެވެ.
ތަކެތި ހަދިޔާކުރުމަށް މިރޭ އަމީރު އަމީން ސްކޫލުގައި ބޭއްވި ހަފްލާގައި ބެސްޓްބަޑީ އޯނަރު ވާހަކަދައްކަނީ–
ބެސްޓްބަޑީ ފިހާރައަކީ ސްކޫލު ސްޓޭޝަނަރީގެ އިތުރުން ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި އައިލެންޑް ޕިކަޕްގެ ވިޔަފާރިކުރާ ފަރާތެވެ.
އަމީރު އަމީން ސްކޫލަކީ ކުޅުދުއްފުށީ ކައުންސިލުން ހިންގާ ޕްރީ ސްކޫލެކެވެ.